ބައެއް ރަށްތަކުގައި ފެނަކައިން ފޯރުކޮށްދެމުންދާ ޚިދުމަތްތައް ސްޓެލްކޯއާ ހަވާލުކުރުމުން ދައުލަތުން ކުރަންޖެހޭ ހޭދަ ވަރަށް ބޮޑަށް ކުޑަކުރެވިގެންދާނެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 45ސ
ބައެއް ރަށްތަކުގައި ފެނަކައިން ފޯރުކޮށްދެމުންދާ ޚިދުމަތްތައް ސްޓެލްކޯއާ ހަވާލުކުރުމުން ދައުލަތުން ކުރަންޖެހޭ ހޭދަ ވަރަށް ބޮޑަށް ކުޑަކުރެވިގެންދާނެ

ފެނަކަ ކޯޕަރޭޝަނުން ބައެއް ރަށްތަކުގައި ފޯރުކޮށްދެމުންދާ ޚިދުމަތްތައް ސްޓެލްކޯއާ ހަވާލުކުރުމުން، ކަރަންޓް ޔުނިޓެއް އުފެއްދުމަށްޓަކައި ދައުލަތުން ކުރަންޖެހޭ ހޭދަ ވަރަށް ބޮޑަށް ކުޑަކުރެވިގެންދާނެ ކަމަށް މިނިސްޓްރީ އޮފް ފައިނޭންސްއިން ހާމަކޮށްފިއެވެ.

ދައުލަތުގެމީޑީއާއަށް މައުލޫމާތުދެއްވަމުން މިނިސްޓްރީ އޮފް ފައިނޭންސްގެ ޑެޕިއުޓީ މިނިސްޓަރު އަޙްމަދު ސާއިދު މުސްތަފާ ވިދާޅުވީ، ބ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް ފެނަކައިން ފޯރުކޮށްދެމުންދިޔަ ޚިދުމަތްތައް މިހާރު ސްޓެލްކޯއާ ހަވާލުކުރެވިފައިވާ ކަމަށެވެ. މި ބަދަލުގެ ސަބަބުން މާލީ ގޮތުން ދައުލަތަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ސާއިދު ވިދާޅުވި ގޮތުގައި، މި އިޞްލާޙީ ބަދަލުތައް ގެންނައިރު ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ މިހާރު ރައްޔިތުންނަށް ދެމުންދާ ޚިދުމަތަށް އެއްވެސް ކަހަލަ ބުރޫލެއް ނުވަތަ ލޮޅުމެއް އެރިޔަނުދީ، އޮމާންކަމާއެކު މި މަސައްކަތް ކުރިއަށް ގެންދިއުމަށެވެ. ފެނަކައާއި ސްޓެލްކޯ ގުޅިގެން މި ބަދަލުތައް ގެނައުމުގެ މަސައްކަތް ބާރުމިނެއްގައި ކުރަމުންދާ ކަމަށާއި، ފިނޭންސް މިނިސްޓްރީން ރާވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތާ އެއްގޮތަށް ކުންފުނިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދީގެން، ކުންފުނިތަކުގެ އަމިއްލަ ބާރުވެރިކަމުގައި މި ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ބަދަލާއެކު ސްޓެލްކޯއަށް މެދުރާއްޖެތެރޭގެ މުޅި އޮޕަރޭޝަނަށް ފުރިހަމައަށް ފޯކަސް ކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މިހާރުވެސް ކ. އަތޮޅުގެ އިތުރުން އއ، އދ، އަދި ވ. އަތޮޅުގައި ސްޓެލްކޯއިން ކާމިޔާބުކަމާއެކު ޚިދުމަތް ދެމުންދާތީ، މިއީ އެ ކުންފުންޏަށް މާ ބޮޑު ތަކުލީފަކާ ނުލައި އުފުލޭނެ ޒިންމާއެއް ކަމަށް ޑެޕިއުޓީ މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރުގެ މި ނިންމުމަކީ ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި މާލީ ވުޒާރާއިން ސިފަކުރެއެވެ.

މިއަދު އޮންލައިން