ޢިބްރަތްތެރި ވާހަކަ: ގޭގަހުރި ފައިސާކޮޅުވެސް ހިފައިގެން 4 ދަރިން ދޫކޮށްލާފަ ފިރިމީހާ ފިލައި ވަރިކުރުން ރަޙްމަތަކަށްވި އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 22ސ
ޢިބްރަތްތެރި ވާހަކަ: ގޭގަހުރި ފައިސާކޮޅުވެސް ހިފައިގެން 4 ދަރިން ދޫކޮށްލާފަ ފިރިމީހާ ފިލައި ވަރިކުރުން ރަޙްމަތަކަށްވި އަންހެނެއްގެ ވާހަކަ-

މަކަރުތަކުގެ ތެރެއިންވެސް އެންމެ ބޮޑު މަކަރަކީ އަނބިދަރިންނަށާއި ޢާއިލާއަށް ހަދާ މަކަރެވެ. އެއީ އެމީހުންގެ ޒިންމާއަކީ ތިމާއުފުލަންޖެހޭނެ ޒިންމާއަކަށްވާތީއެވެ. ޒިންމާ އުފުލަންޖެހޭ ތަނުގައި އެކަން ނުކޮށް މަކަރުހަދައި ގެއްލުން ދިނުމުން އެކަމުގެ ފާފަބޮޑުވެގެންދަނީއެވެ. ދެރައީ ގިނަ ބައަކަށް އެކަމަށް ވިސްނައިނުލެވޭތީއެވެ. 

ކޮންމެ މީހަކުވެސް ތެދުވެރިކަމާއިއެކު ދިރިއުޅެމުން ގެންދާނަމަ އޭނާއާއިއެކު ﷲ ތަޢާލާގެ ރަހްމަތް އަބަދުވެސްވާނެއެވެ. ދަތިޙާލެއް ކުރިމަތިވުން ފަދަ ކަންކަން މެދުވެރިވަނީ ކުރިއަށްވުރެ މާބޮޑު އުފާވެރިކަމެއް މިންވަރުކުރެއްވެވުމަށެވެ.  

އެންމެ ކަމެއް ފާހަގަކޮށްލާނަމެވެ. ހަފްތާއެއްގެ ތެރޭގައި އެނބުރި އަންނާނެކަމަށްބުނެ ގޭގައިހުރިނަމަ ހުރި ހުރިހާ ރުފިޔާއެއް ހިފައިގެން ފުރީ އަނބިމީހާގެ އިތުރުން 4 ދަރިންވެސް ކާންބޯންޖެހޭނެކަން އެނގިހުރެއެވެ. ރަށަށް ދެވުމާއިއެކު ވަރިކޮށްލާއިރު އަނބިމީހާއަށާއި ދަރިންކޮޅަށް ލިބޭނެ ނިކަމެތިކަން ނުވެސް ވިސްނެނީބާވައެވެ! ކޮންމެއަކަސް މިހިރީވެސް ހަމަ ކުރިމަތިވާ ކަންކަމެވެ.  

ތިރީގައިވާ ވާހަކަ ވިދާޅުވެ ޢިބްރަތް ޙާޞިލްކުރައްވާށެވެ!   

އަޅުގަނޑުގެ ޢުމުރުން 32 އަހަރެވެ. އަޅުގަނޑުމެންގެ ކައިވެންޏަށް 10 އަހަރެވެ. 4 ދަރިން ލިބިފައިވެއެވެ. ފިރިމީހާ އޭނާގެ މަންމަ ބަލިވެގެން ޙާލުދެކެލަން ރަށަށް ދިއަތާ ހަފްތާއެއްވީދުވަހު ގުޅާފައި ބުނީ ދެން މާލެ ނުދާނެ ކަމަށާއި ވަރިކުރީ ކަމަށެވެ.

ފިރިމީހާގެ ކިބައިން ޝައްކުކުރެވޭ ޒާތުގެ އެއްވެސް ކަމެއްވެސް ނުފެނި ހުއްޓައި ކުއްލިއަކަށް އެގޮތަށް ކަންކަން ކުރުމުން ހަދާނެ ގޮތް ހުސްވިއެވެ. އަތުގައި އެއްވެސް ފައިސާއެއް ނެތެވެ. ފިރިމީހާ ފުރީ އަޅުގަނޑުގެ އަތުގައި ހުރިފައިސާކޮޅުންވެސް ނަގައިގެންނެވެ. ހަފްތާއަކުން އެނބުރި އަންނާނެކަމަށް ބުނެފައެވެ.  

އަޅުގަނޑަކީ ކައިވެނިކުރީންސުރެ ޢާއިލާގެ އެއްވެސް މީހެއްގެ ކިބައިން އެއްވެސް އެހީތެރިކަމެއް ހޯދި އަންހެނެއް ނޫނެވެ. އެމީހުންވެސް އަޅުގަނޑުގެ ޙާލެއް ނުބަލައެވެ. އެއީ އެންމެންނާއި ދެކޮޅަށް ކައިވެނިކުރީތީއެވެ.  

ފިރިމީހާ ފޯނުކަނޑާލުމުން "ގަނޑުވެފައި" އިރުކޮޅަކު އިނދެވުނެވެ. ކުޑަކޮށް ހަމަޖެހިލެވުމުން 4  ދަރިން ގެނެސް ކައިރީގައި ބައިތިއްބައިގެން އެންމެން އެކުގައި ދުޢާކުރީމެވެ. ކުރިމަތިވި ނިކަމެތި ދަތިޙާލަތުން ސަލާމަތްކޮށްދެއްވެވުން އެދިއެވެ.  ހައިހޫނުކަމުން ސަލާމަތްވެ 5 މައިންނަށް ދުނިޔޭގައި އުޅެވޭނެ މަގެއް ދެއްކެވުން އެދިގެންނެވެ.  

އަޅުގަނޑަކީ ދުވަހަކުވެސް އެއްވެސް މީހެއްގެ ކިބައިން އެއްވެސް ކަމަކަށް އެދުނު އަންހެނެއް ނޫނެވެ. އަބަދުވެސް ލިބޭ މިންވަރަށް ފުދިގެން އުޅެމުން އައި އަންހެނަކީމެވެ. މީހުން ގާތުގައި ކަންކަމުކިޔާނަމަ ޢިއްފަތްތެރިއެއްގެ ގޮތުގައި ނުއިނދެވޭނެކަން އަބަދުވެސް ޤަބޫލުކުރަމެވެ. ޢާންމު ގޮތެއްގައި ފިރިހެން އެކުވެރިއެއްގެ ގާތުގައި ކަމަކު އެދިއްޖެނަމަ އޭނާ އެދޭ ކަންތައް މާބޮޑުވާނެތީއެވެ. އަންހެން އެކުވެރިއެއްގެ ގާތުގައި ކަމަކު އެދުނަސް ދަންތުރައެއްގައި ޖައްސުވަން އުޅޭނެތީއެވެ.  

މިކަންކަމަށް ވިސްނައި އެއްވެސް މީހަކަށް ސަލާން ނުޖަހައި ޢިއްފަތްތެރިކަންމަތީގައި އިނދެވޭނެ މަގެއް ދައްކަވައި ދެއްވެވުން އެދި ކެނޑިނޭޅި އަބަދުހެން ދުޢާކުރަމެވެ. އެހެންވެ އަޅުގަނޑަށް ކުރަންޖެހުނީވެސް މުޅިން ތަފާތު ތަޖުރިބާއެކެވެ.  

އަނެއް ދުވަހު މެންދުރު އެކުވެރިއަކު ގެއަށް އައެވެ. އޭނާ އައީ އެއިގެ 7 އަހަރުކުރިން އަޅުގަނޑު އަތުން އަނބުރައިދޭން ގެންދިއަ 2000 ރުފިޔާ ހިފައިގެންނެވެ. އެއިރު އަޅުގނޑު ވަޒީފާ އަދާކުރަމެވެ. މުސާރަ ލިބެއެވެ.

އޭނާ އެލާރިކޮޅު ދިނުމުން ވަރަށް އުފާވިއެވެ. އަދި އަޅުގަނޑުމެންކުރި ދުޢާ ޢިޖާބަކުރެއްވެވިކަންވެސް ޤަބޫލުކުރެވުނެވެ. އެއީ އެހައިދުވަސްފަހުން އެންމެ ބޭނުން ޖެހުނު ވަގުތު ކުއްލިއަކަށް އައިސް އެލާރިކޮޅު ދިނުމުންނެވެ.  

އެކުވެރިޔާއަށް އަޅުގަނޑުގެ ޙާލުގެ ވާހަކަ ކިޔައިދިނުމުން ދެރަނުވާން ބުންޏެވެ. އޭނާގެ ފިރިމީހާއަކީ ކޮންމެވެސް ވަރެއްގެ ތަނަވަސްކަންހުރި މީހެއް ކަމަށާއި އަޅުގަނޑުމެންގެ ޙާލު ބަލައިދޭނެކަމަށް ބުންޏެވެ.  

ޖެހިގެން އައި ހަފްތަގައި އެކުވެރިޔާއައީ އޭނާގެ ފިރިމީހާ ގޮވައިގެންނެވެ. އޭނާ ބުނީ ގޭދޮރުމަތީގައި ހުރި ކޮޓަރި ކުޑަތަންކޮޅެއް ބޮޑުކޮށްލައި ފިހާރައަކަށް ހަދައިދީފާނެ ކަމަށެވެ. ކުލި ލިބެންފެށުމުން ލިބޭވަރަކުން ދައްކައި އަގުއަދާކުރަނިކޮށް މައްސަލައެއް ނެތް ކަމަށެވެ. އަދި އެތަން ކުއްޔަށް ދެވެންދެން ގޭގެ ޚަރަދުތައް ބަލަހައްޓައިދޭނެ ކަމަށެވެ. އެކަންކށްދޭނީ ﷲ އަށްޓަކައި ކަމަށެވެ.  

މަހެއްހައި ދުވަސްތެރޭގައި ފިހާރަހަދައި ކުއްޔަށްދެވިއްޖެއެވެ. މަހަކު ދިހަ ހާސް ރުފިޔާއަށެވެ. އެހިސާބުން އަމިއްލައަށް ދިރިއުޅެވެން ފަށައިފިއެވެ. ކެއުންބުއިމަށް ޚަރަދުކޮށް ބިލްތައް ދައްކައި 4 ދަރިންގެ ކަންކަން ބަލަހައްޓައިގެން އުޅެން އެއީ ވަރަށް މަދު އަދަދެކެވެ. ނަމަވެސް ޚަރަދުތައް ކުޑަކުރީއެވެ. ފުދުންތެރިވާން ހިތްވަރުކުރީއެވެ. އެވަރުންވެސް ދަރަނި އަދާކުރަންވެސް މިންވަރެއް އައީ ދެމުންނެވެ.  

ފިހާރަ ކުއްޔަށް ހިފިމީހާއަކީ އަނބިމީހާ ވަރިވެގެން ދިއުމުން އެކަނިހުރި މީހެކެވެ. އޭނާ އާއި ދެމީހުންގެ މެދުގައި އުފެދުނު ގުޅުމުގެ ތެރެއިން ދެމީހުންގުޅި ކައިވެނިކުރީއެވެ. ދެވަނަ ކައިވެންޏަށް މިހާރު 20 އަހަރުވެއްޖެއެވެ. އަޅުގަނޑަށް ބައްޕަގެ ކިބައިން ވާރުތަވެފައި އޮތް 1000 އަކަފޫޓުގެ ބިމުގައި މިހާރުވަނީ ރަނގަޅު ފެންވަރުގެ ގެއެއްވެސް އަޅައިފައެވެ. ގެއިން ކުއްޔަށްދީފައިހުރި ބައިތަކުގެ ކުއްޔަށް ލިބޭ ފައިސާއިން ލޯނަށް ދައްކާފައިވެސް މަހަކު 30،000 ރުފިޔާވަރު ލިބެއެވެ.   

އަޅުގަނޑަށް ލިބޭ ފައިސާގެ ވާހަކަ މިދެއްކީ އެއީ މާގިނަ ފައިސާތަކަކަށްވެގެން ފަޚުރުވެރިވާކަށް ނޫނެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ކޮންމެފަދަ ނިކަމެތި ޙާލެއްގައި އުޅެންޖެހުނު ނަމަވެސް ﷲ މަގުގައި ސާބިތުވެ ހުންނަން މަސައްކަތްކޮށްފި ކޮންމެ މީހަކަށްވެސް އެކަމަށް މަގެއް ދައްކަވާނެ ކަމެވެ. އަދި އެންމެ މުހިންމު އެއްކަމެއްގެ ގޮތުން އަބަދުވެސް މާތް ﷲ އަށް ކިޔަމަންތެރިވެހުރެ ތިމާއަށް ރަނގަޅު ގޮތްތައް މިންވަރު ކުރެއްވެވުން އެދި ދުޢާކުރުންމަތީގައި ހުންނަ މީހަކަށް އެންމެ ދަތިޙާލުގައި ޖެހޭ ވަޤުތު ހެޔޮގޮތްތައް މިންވަރުކުރައްވަވާނެއެވެ. އިން ޝާ ﷲ

 

- ޒަރީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން