ޙައްޖުގެ މުޤައްދަސް އަޅުކަން އަދާކުރުމަށް ސަޢުދީ ޢަރަބިއްޔާއިން އިތުރު ކޯޓާ ދޫކުރާނަމަ، ރާއްޖެއަށް އެ ފުރުޞަތު ލިބޭނެ ކަމުގެ އުއްމީދު ވަރަށް ބޮޑު ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ، ޙައްޖުގެ ކަންކަމާ ގުޅޭގޮތުން ސަޢުދީ ސަރުކާރާއި ރާއްޖެއާ ދެމެދު އޮންނަނީ ވަރަށް ގާތް ގުޅުމެއް ކަމަށެވެ. އަދި ޙައްޖުގެ އިންތިޒާމުތައް ހަމަޖެއްސުމުގައާއި ރާއްޖެއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ސަޢުދީގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބެމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ޙައްޖަށް ދިއުމަށް އޮންނަ ކިއު ދިގުވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މިއީ ހަމައެކަނި ރާއްޖެއަށް ދިމާވެފައިވާ މައްސަލައެއް ނޫން ކަމަށާއި، ހުރިހާ އިސްލާމީ ޤައުމުތަކަކަށްވެސް މި މައްސަލަ ދިމާވާ ކަމަށެވެ. ކިއު މިހާ ބޮޑަށް ދިގުވެގެން ދިޔަ މައިގަނޑު ސަބަބަކީ ކޯވިޑް-19 އާ ގުޅިގެން ޖެހިޖެހިގެން ތިން އަހަރު ޙައްޖުގެ ފުރުޞަތު އެންމެ ފުރިހަމައަށް ނުލިބުމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން، ފުރަތަމަ ދެ އަހަރު އެއްވެސް ކޯޓާއެއް ދޫނުކުރާއިރު، ތިންވަނަ އަހަރު ރާއްޖެއަށް ލިބުނީ އެންމެ 400 ކޯޓާ ކަމަށް ވަޒީރު ހަނދާންކޮށްދެއްވިއެވެ.
ރާއްޖެއަށް ލިބޭ ކޯޓާ ބޭނުންކުރުމުގައި މިހާރު ގެންގުޅެނީ ވަރަށް ހަރުދަނާ އަދި ތަރުތީބު އުސޫލެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން އާންމު ރައްޔިތުންނާއި، ޢުމުރުން 65 އަހަރުން މަތީގެ މީހުންނަށް ވަކި އިންސައްތައެއް ކަނޑައަޅާފައިވެއެވެ. އަދި ފަގީރުންގެ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން ސަރުކާރުގެ އެހީގައި ފޮނުވާ 50 މީހުންނާއި، އެހީތެރިންނާއި، ސަރުކާރުގެ ރަސްމީ ބޭނުންތަކަށް ނަގާ ކޯޓާވެސް މީގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން، އަމިއްލަ ކުންފުނިތަކަށް ދޫކުރާ ކޯޓާ މިހާރު ވަނީ ވަރަށް ބޮޑަށް މަދުކޮށްފައެވެ.
ސަޢުދީ ޢަރަބިއްޔާއިން އާންމުކޮށް ކޯޓާ ކަނޑައަޅަނީ ކޮންމެ އެއް މިލިއަން މުސްލިމުންގެ އާބާދީއަކަށް 1،000 ކޯޓާގެ އުސޫލުންނެވެ. ރާއްޖޭގެ އާބާދީއަށް ބަލައި މިހާރުވެސް ކޯޓާ ލިބެމުންދަނީ އެ އުސޫލުގެ ދަށުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްކަންދެނީ ޙައްޖުގެ ކަންކަން ވީހާވެސް ލުއިފަސޭހަ އަދި ދެފުށް ފެންނަ ގޮތެއްގައި ކުރިއަށް ގެންދިއުމަށެވެ. މި މަސައްކަތުގައި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވެސް ދެއްވާ އެއްބާރުލުން ފާހަގަކުރެވެއެވެ.