މާލެ: ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ފަސޭހަކަމާއެކު ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ފަށާފައިވާ ބޮޑު މަޝްރޫޢުގެ ދަށުން، މިހާތަނަށް 6 ރަށެއްގައި ފިއުލް ސްޓޭޝަންތައް ޤާއިމުކޮށް ޚިދުމަތް ދޭން ފަށައިފިއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސްވެރިންނަށާއި އާންމު ރައްޔިތުންނަށް ދިމާވެފައިވާ ތެލުގެ ދަތިކަމަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި ސަރުކާރު ވެރިކަމާ ޙަވާލުވީއިރު، އަތޮޅުތެރޭގެ ރަށްތަކުން ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖެހިފައި ނެތުމަކީ މަސްވެރިންގެ ފަރާތުން އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ.
މި ޝަކުވާތަކަށް ޙައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ފިއުލް ސްޓޯރޭޖްތައް ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. މި ސިޔާސަތުގެ ދަށުން، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ކުރިއަށްގެންދާ މި މަޝްރޫޢުގެ ފުރަތަމަ ފިއުލް ސްޓޯރޭޖް ހުޅުވާފައިވަނީ 2025 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހާ ގުޅުވައިގެން ރ. ދުވާފަރުގައެވެ.
ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އެކި އަތޮޅުތައް ހިމެނޭހެން ޖުމްލަ 18 ރަށެއްގައި މިފަދަ ފިއުލް ސްޓޭޝަންތައް ޤާއިމުކުރުމެވެ. މި ސްޓޭޝަންތަކާއެކު، މަސްވެރި އުޅަނދުފަހަރަށާއި އަތޮޅުތެރޭގެ ދަތުރުފަތުރުގެ ނިޒާމަށް ބޭނުންވާ ތެޔޮ، މާލެއާ އެއް އަގަކަށް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްވެގެންދާނެއެވެ.
މި މަސައްކަތަކީ ރާއްޖޭގެ އިޤްތިޞާދީ މައިނާރު ކަމަށްވާ މަސްވެރިކަމުގެ ސިނާޢަތަށް ދިމާވެފައިވާ ޚަރަދު ބޮޑުވުމުގެ މައްސަލައަށް ލުޔެއް ދިނުމަށާއި، ރަށްތަކުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ވަސީލަތެއް ފޯރުކޮށްދިނުމަށް ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.