ބިނާރާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާއަށް ޚާއްސަ އިމާރާތެއް ބިނާކުރުމަށް 30،000 އަކަފޫޓުގެ ބިމެއް ހަމަޖައްސައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
ބިނާރާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާއަށް ޚާއްސަ އިމާރާތެއް ބިނާކުރުމަށް 30،000 އަކަފޫޓުގެ ބިމެއް ހަމަޖައްސައިފި

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ (ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ) ހިންގުމަށް ޚާއްސަ އިމާރާތެއް ބިނާކުރުމަށް ސަރުކާރުން ނިންމަވައި، އެކަމަށް ބޭނުންވާ ބިން ހަމަޖައްސަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، އެ ވުޒާރާގެ މަސައްކަތްތަކަށް ޚާއްސަ އިމާރާތެއް އެޅުމަށްޓަކައި 30،000 އަކަފޫޓުގެ ބިމެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ހަމަޖައްސަވައިދެއްވާފައިވާ ކަމަށެވެ.

މި އިމާރާތް ބިނާކުރަން ނިންމާފައިވަނީ 2024 ވަނަ އަހަރުގެ ޑިސެންބަރު މަހު ހައުސިން މިނިސްޓްރީގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ ވުޒާރާ ހިންގަމުން އައި އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީއެވެ. އެ ހާދިސާއާ ގުޅިގެން މިހާރު އެ ވުޒާރާގެ އިދާރީ މަސައްކަތްތައް ވަގުތީ ގޮތުން ކުރިއަށް ގެންދަނީ ދަރުބާރުގޭގައެވެ.

ވަޒީރު ޑރ. މުއްޠަލިބް ވިދާޅުވި ގޮތުގައި، އެ ވުޒާރާގައި މިހާރުވެސް 600 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުންދެއެވެ. އަދި ޕަބްލިކް ވޯކްސްގެ މަސައްކަތްތައްވެސް އެ ވުޒާރާއާ އަލަށް ހަވާލުކުރެވިފައިވާތީ، އެކަށީގެންވާ ހެޑްކުއާޓާއެއް ބިނާކުރުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ދިމާވެފައި އޮތް އެންމެ ބޮޑު ދައްޗަކީ ސަރުކާރުގެ އިދާރާތައް ހިންގާނެ އެކަށީގެންވާ ޖާގައެއް ނެތުން. މާލޭގައި އިތުރު އޮފީސް އިމާރާތެއް އެޅުމުގެ މަސައްކަތްވެސް ދަނީ ކުރަމުން. އަދި ބިއްލޫރި ޖެހިގެ މަރާމާތުކޮށްގެންވެސް އޮފީސް ހިންގާނެ ތަނެއް ހޯދޭތޯ މިދަނީ ބަލަމުން،" ވަޒީރު ވިދާޅުވިއެވެ.

މިއަދު އޮންލައިން