ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ރާއްޖޭގައި އިތުރުވަމުންދާތީ، އެކަމަށް ބެލެނިވެރިންނާއި އާއިލާތަކުން އިތުރަށް ސަމާލުވުމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން އިލްތިމާސްކުރައްވައިފިއެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އިޙްސާން ވިދާޅުވީ، ފުލުހުންގެ އިދާރާއަށް ހުށަހެޅޭ މައްސަލަތަކަށް ބަލާއިރު، ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައް އިތުރުވަމުންދާކަން ވަރަށް ބޮޑަށް ފާހަގަކުރެވިފައިވާ ކަމަށެވެ. ޚާއްޞަކޮށް، ކުޑަކުދިން ކުށުގެ ވެށީގައި ބައިވެރިވުމަށްވުރެ، އެކުދިންނަށް ކުރެވޭ އަނިޔާތަކުގެ ޝިކާރައަކަށް ކުދިންވާ މައްސަލަތައް ގިނަވަމުންދާކަމީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި، ފުލުހުންނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރޭގައި ކުޑަކުދިންނަށް ނަފްސާނީގޮތުންނާއި، ޖިސްމާނީގޮތުންނާއި، އަދި ޖިންސީގޮތުން ކުރާ އަނިޔާތަކުގެ މައްސަލަތައް ހިމެނެއެވެ. މިފަދަ ހިތާމަވެރި ހާދިސާތަކުން ކުދިން ސަލާމަތްކުރުމަށްޓަކައި އާއިލީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތައް އިތުރުކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ކުޑަކުދިން ކުށުގައި އުޅުމަށްވުރެ ބޮޑަށް ކުޑަކުދިންނަށް ކުރެވެމުންދާ ބައެއް ޖިނާޢީ ކުށްތައް، ކުޑަކުދިންނަށް ގޯނާ ކުރުމާއި އަނިޔާކުރުމާއި ކުޑަކުދިންނަށް ޖިންސީ ފުރައްސާރަކުރުމާއި މިފަދަ ކަންތައް ގިނަވަމުންދާ ވާހަކަ އަޅުގަނޑު މިފާހަގަކުރީ. މިކަމުގައި އަޅުގަނޑުމެންގެ އާއިލާތަކުން، ބެލެނިވެރިން ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އެކުދިންގެ ރައްކާތެރިކަން މިހާރަށްވުރެ ބޮޑަށް ކަށަވަރުކުރުމަށްޓަކައި،" ވަޒީރު އިޙްސާން ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުން ކަމަށްވާއިރު، މިފަދަ މައްސަލަތައް މަދުކުރުމަށް ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކުގައި މުޖުތަމައުގެ އެއްބާރުލުން ބޭނުންވާކަންވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.