ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްޞަކޮށްގެން "މާރަނގަ މާކެޓް" މާފުށީގައި ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްޞަކޮށްގެން "މާރަނގަ މާކެޓް" މާފުށީގައި ފަށައިފި

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، "މާރަނގަ މާކެޓް"ގެ ނަމުގައި ސިލްސިލާ ބާޒާރެއް ކ. މާފުށީގައި ފަށައިފިއެވެ. މި މާކެޓަކީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާއި، މާފުށީ ކައުންސިލް އަދި މާފުށީ ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމެޓްޑް (އެމްއެލްއޭސީ) ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް މާފުށީގައި ކުރިއަށްދާ މި ބާޒާރު އޮންނާނީ ކޮންމެ ދުވަހަކު ހަވީރު 4:00 އިން ރޭގަނޑު 11:00 އަށެވެ. މި ހަރަކާތުގެ މައިގަނޑު މަޤުޞަދަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތައް އިސްތިހާރުކޮށް، އެ ތަކެތި ވިއްކުމުގެ ފަހި ފުރުސަތެއް ވިޔަފާރިވެރިންނަށް ފޯރުކޮށްދިނުމެވެ.

މި އެޕްރީލް މަހުން ފެށިގެން ކޮންމެ މަހަކު އެއްފަހަރު މާފުށީގައި ބޭއްވުމަށް ނިންމާފައިވާ މި މާކެޓުގައި ޖުމްލަ 12 ކިއޮސްކު ވަނީ ވިޔަފާރިތަކަށް ދޫކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާފުށީގެ ވިޔަފާރިތަކަށް ޚާއްޞަ ކުރެވުނު 4 ކިއޮސްކާއި މާލޭގެ ވިޔަފާރިތަކަށް ދޫކުރެވުނު 8 ކިއޮސްކެވެ.

މި ކިއޮސްކުތަކުގައި ތަފާތު އެކި ބާވަތްތަކުގެ އުފެއްދުންތައް ބަހައްޓާފައިވެއެވެ. އޭގެ ތެރޭގައި އެކި ކަހަލަ ކާބޯތަކެއްޗާއި، މީރު ޕޭސްޓްރީގެ ބާވަތްތަކުގެ އިތުރުން ދިވެހި އަތްތެރި މަސައްކަތުގެ ތަފާތު އުފެއްދުންތައް ހިމެނެއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ އިޤްތިޞާދުގައި ކުދި ވިޔަފާރިތަކުގެ ދައުރު ފުޅާކުރުމަށް ދެއްވާ އަހައްމިއްޔަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މިއަދު އޮންލައިން