ޓެކްސީ ނަފާ ލޯނު ސްކީމްގެ ދަށުން ލޯނު ނަގާފައިވާ ފަރާތްތަކަށް ހުރި ކަންބޮޑުވުންތަކާއި ދަތިތައް އިންސާފުވެރިކަމާއެކު ބަލައި، އެކަންކަމަށް އެދެވޭ ޙައްލެއް ހޯދައިދެއްވާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ޓެކްސީ ނަފާ ލޯނު ސްކީމާ ގުޅޭގޮތުން އާންމު ފަރާތަކުން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަޒީރަށް ފޮނުއްވި ހާމަ ސިޓީއަކަށް ޖަވާބު ދެއްވަމުންނެވެ.
ވަޒީރު ސަޢީދަށް އެޑްރެސްކޮށް އާންމު ފަރާތުން ލިޔެފައިވާ ސިޓީގައި ފާހަގަކޮށްފައިވާ ގޮތުގައި، ޓެކްސީ ނަފާ ލޯނު ސްކީމަކީ ދިވެހި ރައްޔިތުންނަށް، ޚާއްޞަކޮށް ގުރޭޓަރ މާލޭ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އަމިއްލަ ޓެކްސީ ވިޔަފާރިއެއް ފަށައިގަތުމަށް މަގުފަހިކޮށްދިނުމުގެ މަޤްޞަދުގައި ތަޢާރަފްކުރި ސްކީމެކެވެ. ނަމަވެސް، މި ސްކީމްގެ ދަށުން ލިބިފައިވާ ކާރުތައް ރަޖިސްޓަރީ ކުރުމުގެ ޢަމަލީ މަސައްކަތްތައް ވަރަށް ބޮޑަށް ލަސްވެފައިވާ ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.
އެ ފަރާތުން ފާހަގަކުރި އެންމެ ބޮޑު ކަންބޮޑުވުމަކީ، ބައެއް ކާރުތައް ރަޖިސްޓަރީ ނުވެ ހުއްޓައި، ލޯނު ދޫކުރި ފަރާތްތަކުން ލޯނު އަނބުރާ ދެއްކުމަށް ތަކުރާރުކޮށް ބާރުއަޅަމުން ދިއުމެވެ. މީގެ ސަބަބުން ލޯނު ނެގި ފަރާތްތަކަށް ނުހަނު ބޮޑެތި ތަކްލީފުތަކަކާއި ހާސްކަމެއް ކުރިމަތިވެފައިވާ ކަމަށް ސިޓީގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، ލޯނު ނެގި ފަރާތްތަކަށް ވިޔަފާރިން އެއްވެސް ނަފާއެއް ލިބޭނެ މަގެއް ނެތި، ލޯނު ދެއްކުމަށް މަޖުބޫރު ކުރުވުމަކީ ހަމަހަމަކަމާއި ޢަދުލުވެރިކަމުގެ އުޞޫލުތަކާ ޚިލާފު ކަމެއްގެ ގޮތުގައި އެ ސިޓީގައި ވަނީ ސިފަކޮށްފައެވެ.
މި ކަންބޮޑުވުންތަކާ ގުޅިގެން ވަޒީރު ސަޢީދު ވަނީ އެ މައްސަލަތައް ސަރުކާރުން ވަރަށް ގާތުން ބަލައި، ރައްޔިތުންނަށް ބުރަ ނުވާނެހެން އިންސާފުވެރި ޙައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.