ނަފްސާނީ ގޮތުން ދަތި އުނދަގޫ ޙާލަތެއް ތަޙައްމަލު ކުރަމުންދާ ފަރާތެއް ނަމަ، ތިޔައީ އެކަނިވެރިއެއް ނޫން! ލަސްނުކުރައްވައި އެހީތެރިކަން ހޯއްދަވާ!: ޞިއްޙީ ވުޒާރާ

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 31ސ
ނަފްސާނީ ގޮތުން ދަތި އުނދަގޫ ޙާލަތެއް ތަޙައްމަލު ކުރަމުންދާ ފަރާތެއް ނަމަ، ތިޔައީ އެކަނިވެރިއެއް ނޫން! ލަސްނުކުރައްވައި އެހީތެރިކަން ހޯއްދަވާ!: ޞިއްޙީ ވުޒާރާ

"ނަފްސާނީ ގޮތުން ދަތި އުނދަގޫ ޙާލަތެއް ތަޙައްމަލު ކުރަމުންދާ ފަރާތެއް ނަމަ، ތިޔައީ އެކަނިވެރިއެއް ނޫންކަން ޤަބޫލުކުރައްވާށެވެ. ލަސްނުކުރައްވައި އެހީތެރިކަން ހޯއްދަވާށެވެ. އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް، ނޭޝަނަލް މެންޓަލް ހެލްތު ހެލްޕްލައިންގެ 1677 މެދުވެރިކޮށް، 24 ގަޑިއިރު ނަފްސާނީ އެހީތެރިކަން (Psychological First Aid) ލިބިގެންދާނެއެވެ." 

ޞިއްޙީ ވުޒާރާގެ ބަޔާން-:   

އަޅުގަނޑުމެންގެ މުޖުތަމަޢުގައި ފަހަކަށް އައިސް

ހިނގަމުންދާ ނަފްސާނީ ގޮތުން އަސަރުކުރުވާފަދަ ހިތާމަވެރި ޙާދިސާތަކާމެދު ނުހަނު ބޮޑަށް ކަންބޮޑުވަމެވެ. މި ދަނޑިވަޅުގައި، އެކަކު އަނެކަކަށް ހަމްދަރުދީއާއި، ޒިންމާދާރުކަމާއެކު އޯގާތެރިކަމާއެކު މުޢާމަލާތް ކުރުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރަމެވެ. 

ކޮންމެ އިންސާނެއްގެ ފުރާނައަކީ މަތިވެރި އަގުހުރި އަމާނާތެކެވެ. ދިރިއުޅުމުގެ ދަތުރުގައި ކޮންމެ މީހަކަށްވެސް އުފަލާއި ހިތާމައިގެ ވަގުތުތަކާ ކުރިމަތިލާންޖެހެއެވެ. މީސްމީޑިއާގައި އަޅުގަނޑުމެން ފަތުރާ ވާހަކަތަކާއި ހިއްސާކުރާ މަޢުލޫމާތުތަކަކީ، ނަފްސާނީ ގޮތުން ބަލިކަށިވެފައިވާ ފަރާތްތަކަށާއި، ވަކިވެދިޔަ ފަރާތްތަކުގެ ޢާއިލާތަކަށް ފޫނުބެއްދޭ ފަދަ ހިތްދަތި އަސަރުތަކެއް ކުރުވާނެ ކަންކަމެވެ. 

ވީމާ، މިފަދަ ނާޒުކު ވަގުތުތަކުގައި ޙަޤީޤަތާ ޚިލާފު ވާހަކަތަކާއި، ހިތްދަތި މަންޒަރުތައް ނުވަތަ ކަށަވަރުނުވާ މަޢުލޫމާތު ފެތުރުމުން ދުރުހެލިވުމަށް ޢާންމުންނަށާއި މީޑިއާތަކަށް ބާރުއަޅައި އިލްތިމާސްކުރަމެވެ. އޭގެ ބަދަލުގައި، އެކަކު އަނެކަކަށް އުއްމީދާއި ހިތްވަރު ދިނުމަށާއި، އެހީތެރިކަން ފޯރުކޮށްދިނުމުގެ މެސެޖުތައް އިސްކުރައްވާށެވެ. 

ޢާއިލާތަކާއި، ރައްޓެހިން އަދި މުޅި މުޖުތަމަޢު ގުޅިގެން އެކަކު އަނެކެއްގެ ޙާލުބަލައި، އެއްވެސް ތަފާތުކުރުމެއް ނެތި އަޅާލުމަށް ބާރުއަޅަމެވެ. އަނެކާގެ ވާހަކަ ކަނުލާ އަޑުއަހާލުމަކީ ނުވަތަ ދެވޭ ކުޑަ އޯގާތެރިކަމަކީވެސް މީހެއްގެ ފުރާނަ ސަލާމަތްކުރުމަށް ލިބޭ ވަރަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.

ޤައުމެއްގެ ޙައިސިއްޔަތުން، އެކަކު އަނެކެއްގެ ދުޅަހެޔޮކަން ރައްކާތެރިކުރުމަކީ އަޅުގަނޑުމެން އެންމެންގެ ޝާމިލު ޒިންމާއެކެވެ. ޙަޤީޤަތެއް ނެތް ވާހަކަތަކުގެ ބަދަލުގައި ހަމްދަރުދީ އިސްކޮށް، ފާޑުކިޔުމުގެ ބަދަލުގައި އޯގާތެރިކަން، އަދި ބިރުވެރިކަމުގެ ބަދަލުގައި އުއްމީދު ކުރިއަށް ނެރުއްވާށެވެ. 

ނަފްސާނީ ގޮތުން ދަތި އުނދަގޫ ޙާލަތެއް ތަޙައްމަލު ކުރަމުންދާ ފަރާތެއް ނަމަ، ތިޔައީ އެކަނިވެރިއެއް ނޫންކަން ޤަބޫލުކުރައްވާށެވެ. ލަސްނުކުރައްވައި އެހީތެރިކަން ހޯއްދަވާށެވެ. އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް، ނޭޝަނަލް މެންޓަލް ހެލްތު ހެލްޕްލައިންގެ 1677 މެދުވެރިކޮށް، 24 ގަޑިއިރު ނަފްސާނީ އެހީތެރިކަން (Psychological First Aid) ލިބިގެންދާނެއެވެ. 

ނަފްސާނީ ދުޅަހެޔޮކަމަކީ ޚާއްޞަ ސަމާލުކަމެއް ދޭންޖެހިފައިވާ ކަމެއްކަން ޤަބޫލުކޮށް، މި މިނިސްޓްރީން ދަނީ ނަފްސާނީ ދުޅަހެޔޮކަމަށް ދެވޭ ވަގުތީ އަދި ދާއިމީ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ފަންނީ ބޭފުޅުންނާއި ގުޅުންހުރި މުއައްސަސާތަކާއެކު މަސައްކަތް ކުރަމުންނެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި މުޖުތަމަޢަށް އެހީތެރިކަން ފޯރުކޮށްދެވޭނެ، ހަރުދަނާ ނިޒާމެއް ބިނާކުރުމުގައި އަޅުގަނޑުމެން ކެނޑިނޭޅި މަސައްކަތް ކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަމެވެ. އަޅުގަނޑުމެން އެންމެން ގުޅިގެން ރައްކާތެރި އަދި އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަށް ހިންގަވާށެވެ.

 

މިއަދު އޮންލައިން