ރާއްޖޭގައި ބާނާ ކަނޑުމަހުގެ ބާވަތްތައް ޗައިނާގެ ސީޗުއަން ޕްރޮވިންސަށް ބޭރުކޮށް، އެކްސްޕޯޓްގެ ވިޔަފާރި އިތުރަށް ފުޅާކުރުމާ ގުޅޭގޮތުން ދިވެހި ސަރުކާރާއި ޗައިނާގެ ވަފުދަކާ ދެމެދު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގޮސްފައިވަނީ ޗައިނާގެ ސީޗުއަން ޕްރޮވިންސްގެ ވައިސް ގަވަރަނަރ ރެން ޖިންގްޑޮންގް އިސްކޮށް ހުންނަވައިގެން ރާއްޖެއަށް ކުރެއްވި ރަސްމީ ޒިޔާރަތުގެ ތެރެއިން، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގައެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާ ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ސީޗުއަންގެ ވަފުދާއެކު ބޭއްވުނު ބައްދަލުވުމަކީ ވަރަށް އުންމީދީ އަދި ބިނާކުރުވަނިވި ބައްދަލުވުމެއް ކަމަށެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ރާއްޖެއާއި ޗައިނާއާ ދެމެދު ގާއިމުކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފް.ޓީ.އޭ) ގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައިގެން، ދެ ގައުމުގެ ދެމެދުގައިވާ ވިޔަފާރިއާއި އިންވެސްޓްމަންޓްތައް އިތުރުކުރުމާ ގުޅޭގޮތުންނެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ރާއްޖޭގެ އުފެއްދުންތައް އިޝްތިހާރުކޮށް އެކްސްޕޯޓް ކުރިއެރުވުމަށް ޗައިނާއިން ދޭ އެއްބާރުލުން އިތުރުކުރުމަށް ވަނީ އެއްބަސްވެފައެވެ. ވަކިން ހާއްސަކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2024 ވަނަ އަހަރު ޗައިނާއަށް ކުރެއްވި ދައުލަތުގެ ދަތުރުފުޅުގައި ދެ ގައުމުގެ ވެރިން އެއްބަސްވެވަޑައިގެންފައިވާ ކަންކަން ތަންފީޒުކުރުމަށް ޗައިނާގެ ސަރުކާރުން އޮތީ ތައްޔާރަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި މަޝްވަރާތަކުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް އައު މާރުކޭޓުތައް ހުޅުވި، ދެ ގައުމުގެ އިޤްތިޞާދީ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ. ސީޗުއަން ޕްރޮވިންސަކީ އާބާދީ ބޮޑު، ވިޔަފާރީގެ ފުރުޞަތުތައް ތަނަވަސް ސަރަޙައްދަކަށް ވުމާއެކު، މިއީ ރާއްޖޭގެ ކަނޑުމަސް ބައިނަލްއަޤްވާމީ ބާޒާރުގައި އިތުރަށް ކުރިއެރުވުމަށް ލިބޭ ރަނގަޅު ފުރުޞަތެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.