މާލީ ވުޒާރާއިން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް" ރިޕޯޓަށް ބަލާއިރު، މި އަހަރުގެ އޭޕްރީލް މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 13.6 ބިލިއަން ރުފިޔާ ލިބިފައިވާކަން ހާމަވެއްޖެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 11.6 އިންސައްތައިގެ ކުރިއެރުމެކެވެ.
މާލީ ވުޒާރާގެ ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ އެ މުއްދަތުގައި ދައުލަތަށް ލިބިފައިވަނީ 12.2 ބިލިއަން ރުފިޔާއެވެ. މި އަހަރު ލިބުނު އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކުހުގެ ގޮތުގައި ލިބުނު ފައިސާއެވެ. އެގޮތުން ޓެކުހުގެ ގޮތުގައި ދައުލަތަށް 10.9 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
ދައުލަތުގެ ޚަރަދުތަކަށް ބަލާއިރު، މި މުއްދަތުގެ ތެރޭގައި ޖުމްލަ 12.0 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ޚަރަދުކުރި 10.3 ބިލިއަން ރުފިޔާއަށްވުރެ 16.9 އިންސައްތަ އިތުރު އަދަދެކެވެ. ނަމަވެސް، އާމްދަނީ އިތުރުވުމުގެ ސަބަބުން ދައުލަތުގެ ބަޖެޓު މިވަގުތު އޮތީ 1.6 ބިލިއަން ރުފިޔާގެ ސާޕްލަސްއެއްގައެވެ.
ފާއިތުވި ހަފުތާގެ ރިޕޯޓުގައި ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއް ބަދަލަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ކެބިނެޓަށާއި މުއައްސަސާތަކުގެ އޮނިގަނޑަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެން، ދައުލަތުގެ ވުޒާރާތަކާއި އިދާރާތައް ތަރުތީބުކޮށްފައިވާ ގޮތަށް ގެނައި އިސްލާޙެކެވެ.
މި ބަދަލުތައް މިހާރު ވަނީ ރިޕޯޓުގެ ތާވަލުތަކުގައި ހިމަނާފައެވެ. މާލީ ވުޒާރާއިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އޭޕްރީލް 15 ގައި ނެރުއްވި އިރުޝާދާ އެއްގޮތަށް މި ބަދަލުތައް ގެނައުމުގެ ބޭނުމަކީ، ސަރުކާރުގެ މިހާރުގެ އޮނިގަނޑާ އެއްގޮތަށް ދައުލަތުގެ މާލީ ހިސާބުތައް ދެފުށް ފެންނަ ގޮތެއްގައި ރައްޔިތުންނަށް ހާމަކޮށްދިނުން ކަމަށެވެ.