ދުނިޔޭގެ ކަނޑުމަހުގެ އުފެއްދުންތަކުގެ އެންމެ ބޮޑު މައުރަޒުގައި ރާއްޖެއިން ބައިވެރިވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 41ސ
ދުނިޔޭގެ ކަނޑުމަހުގެ އުފެއްދުންތަކުގެ އެންމެ ބޮޑު މައުރަޒުގައި ރާއްޖެއިން ބައިވެރިވެއްޖެ

ދުނިޔޭގެ ކަނޑުމަހުގެ އުފެއްދުންތަކުގެ އެންމެ ބޮޑު މައުރަޒު ކަމަށްވާ "ގްލޯބަލް ސީފުޑް އެކްސްޕޯ" ގައި ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުން ބައިވެރިވެއްޖެއެވެ.

ސްޕެއިންގެ ބާސެލޯނާގައި މި މަހުގެ 21 އިން 23 އަށް ކުރިއަށްދިޔަ މި މައުރަޒަކީ ދުނިޔޭގެ މަސްވެރިކަމުގެ ވިޔަފާރިތައް އެއް ފުރާޅެއްގެ ދަށަށް ޖަމާކޮށްދޭ އެންމެ ބޮޑު އެއް ހަރަކާތެވެ. މިއީ ދިވެހި އެކްސްޕޯޓަރުންނަށް ބައިނަލްއަޤްވާމީ އިންވެސްޓަރުންނާއި، މަސް ގަނެވިއްކާ ފަރާތްތަކާ ބައްދަލުކޮށް، ދިވެހި މަހުގެ އުފެއްދުންތައް ދުނިޔޭގެ ބާޒާރުގައި އިޝްތިހާރު ކުރުމަށް ލިބުނު މުހިންމު ފުރުސަތެކެވެ.

މި މައުރަޒުގެ ތެރެއިން ބާސެލޯނާގައި ހުންނަ ރާއްޖޭގެ ޕެވީލިއަންގައި ވަނީ "ފްރޮމް މޯލްޑިވްސް ޓު ދަ ވޯލްޑް" ގެ ނަމުގައި ޚާއްސަ ހަރަކާތެއް ބާއްވާފައެވެ. މި ހަރަކާތުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ދެމެހެއްޓެނިވި މަސްވެރިކަމުގެ އުސޫލުތައް ދުނިޔެއަށް ދައްކާލުމާއި، ދިވެހި ކަނޑުމަހުގެ ރައްކާތެރިކަމާއި ފެންވަރު ބައިނަލްއަޤްވާމީ ފަރާތްތަކަށް ސާފުކޮށްދިނުމެވެ.

މި ޚާއްސަ ހަރަކާތުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ބައިވެރިވެވަޑައިގެން، ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މީގެ އިތުރުން، މޮންޓްރޭ ބޭ އެކުއޭރިއަމްގެ ޕޮލިސީ އެންޑް ސްޓޭކްހޯލްޑަރ އެންގޭޖްމަންޓް ޑައިރެކްޓަރ ޖޯޝް މަޑެއިރާ އާއި، މިފްކޯގެ ސްޓްރެޓީޖިކް ކޮންސަލްޓަންޓް އާތިފް ޝަކޫރު ވެސް މި ހަރަކާތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ.

މިފަދަ ބައިނަލްއަޤްވާމީ މައުރަޒުތަކުގައި ބައިވެރިވުމަކީ ދިވެހި މަސްވެރިކަމުގެ އުފެއްދުންތަކަށް ރަނގަޅު އަގު ހޯދުމަށާއި، ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މައި އެއް ތަނބު ކަމަށްވާ މަސްވެރިކަމުގެ ސިނާޢަތް ދުނިޔޭގެ ފެންވަރުގައި ފުޅާކުރުމަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެކެވެ.

މިއަދު އޮންލައިން