ތެލަސީމިއާ ކުދިންނަށް ކުނިވެފައިވާ ލޭ އެޅިކަމަށް ބުނެ ފެތުރެމުންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ބުނެ، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން އެކަން މިއަދު ދޮގުކޮށްފިއެވެ.
މިކަމާ ގުޅިގެން އެ އިދާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ތެލަސީމިއާ ކުދިންނަށް ކުނިވެފައިވާ ލޭ އެޅިކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވަނީ މި މަހުގެ 19 ވަނަ ދުވަހު ލޭ ރައްކާކުރުމަށް ބޭނުންކުރާ ފްރީޒަރެއްގެ ފިނިހޫނުމިނަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅުވައިގެން ކަމަށެވެ. ނަމަވެސް، މި މަހުގެ 20 ވަނަ ދުވަހު ތެލަސީމިއާ ކުދިންގެ ގަޔަށް އަޅާފައިވަނީ ކުނިވެފައިވާ ނުވަތަ ތަޣައްޔަރުވެފައިވާ ލޭ ނޫންކަމުގެ ފުރިހަމަ ޔަގީންކަން ސިއްހީ މިންގަނޑުތަކުން ކަށަވަރުކުރެވޭ ކަމަށް އެ ބަޔާނުގައިވެއެވެ.
ހާދިސާ ހިނގި ގޮތް ތަފްސީލުކޮށްދެއްވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ވިދާޅުވީ، މި މަހުގެ 19 ވަނަ ދުވަހު މޯލްޑިވްސް ބްލަޑް ސަރވިސް (އެމް.ބީ.އެސް) ބަންދުކުރި ފަހުން، ލޭ ރައްކާކުރާ 2 ނަންބަރު ފްރީޒަރަށް ޓެކްނިކަލް މައްސަލައެއް ދިމާވި ކަމަށެވެ. އެ ފްރީޒަރަކީ 6 ޑިގްރީ ސެލްސިއަސްއަށް ވުރެ ދަށުގެ ފިނިހޫނުމިނެއްގައި ލޭ ރައްކާކުރުމަށް ބޭނުންކުރާ ތަނެކެވެ.
ފްރީޒަރުގެ ފިނިހޫނުމިނަށް ބަދަލު އައުމާ ގުޅިގެން، ކަމާގުޅޭ 5 މުވައްޒަފަކަށް ވަގުތުން އެލާޓް ގޮސްފައިވާ ކަމަށާއި، އޭގެ ތެރެއިން 3 މުވައްޒަފަކު ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި އެ ތަނަށް ހާޒިރުވި ކަމަށް ބަޔާނުގައިވެއެވެ. އަދި އެ މުވައްޒަފުން ވަނީ ފްރީޒަރުގައި ހުރި 12 ލޭ ޕެކެޓް ވަގުތުން ސްޓޭންޑްބައި ފްރީޒަރަކަށް ބަދަލުކޮށްފައެވެ.
އެހެންކަމުން، ލޭ ރައްކާކުރުމުގައި އަމަލުކުރަންޖެހޭ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އެޅިފައިވާތީ، މި މަހުގެ 20 ވަނަ ދުވަހު ބޭނުންކުރި ލެޔަކީ އެއްވެސް މައްސަލައެއް ހުރި ލެޔެއް ނޫންކަމުގެ ޔަގީންކަން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ވަނީ އަލުން ދީފައެވެ. މިފަދަ ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށްވެސް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.