ޢިބްރަތްތެރި ވާހަކަ: ތެދުވެރިވެގެން ހުއްޓައި ވަޒިފާގެއްލުމުންވެސް، ކައިވެނިރޫޅުމުންވެސް މާރަނގަޅު ގޮތް މެދުވެރިވި އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 6ސ
ޢިބްރަތްތެރި ވާހަކަ: ތެދުވެރިވެގެން ހުއްޓައި ވަޒިފާގެއްލުމުންވެސް، ކައިވެނިރޫޅުމުންވެސް މާރަނގަޅު ގޮތް މެދުވެރިވި އަންހެނެއްގެ ވާހަކަ-

ގިނަ ބައަކަށް އެންމެ ބޮޑު މާޔޫސްކަމެއް ލިބެނީ ވަޒިފާ ގެއްލުމުންނާއި ކައިވެނި ރޫޅި އެކަނިވެރިވުމުންނެވެ. މިއީ އެންމެންހެން ޤަބޫލުކުރާނެ ކަމެކެވެ. އެހެންވެ މިގެނެސްދެނީ މިފަދަ ޙާލަތުގައި ހިތްވަރު ލިބިގެންދާނެ ޙާދިސާއެއްގެ ވާހަކައެވެ.  

އޭނާގެ ކުށެއް ނެތި ވަޒީފާއިން ވަކިކުރިއެވެ. ކަންބޮޑެއް ނުވެއެވެ. މަސައްކަތްކުރުމުން މާރަނގަޅު ވަޒީފާއެއް ލިބުނެވެ. އޭނާގެ ފިރިމީހާ އޭނާ ވަރިކޮށްލާފައި ދިއައެވެ. ކަންބޮޑެއް ނުވެއެވެ. މާރަނގަޅު މާތަނަވަސް ފިރިއަކު ލިބުނެވެ.  

ފަހަތުގައި އޮތީ ކޮން ސިއްރެއް ކަމަށްތޯއެވެ؟ އަބަދުވެސް ﷲ ތަޢާލާއަށް ތެދުވެރިވުމާއި ވަކީލުކުރުމެވެ. ވާހަކަ ވިދާޅުވެލައްވައި ހިތްވަރާއި ސާބިތުކަން ހޯއްދަވާށެވެ.  

އަޅުގަނޑު ފުރަތަމަ ވަޒީފާއަކަށް ނުކުތީ 18 އަހަރު ފުރުނުތަނާއެވެ. އެއިރު ކިޔަވައިގެން ހުރީ އޭލެވެލް ފެންވަރަށެވެ. އެހެންކަމުން ލިބުނީވެސް ސެކެޓްރީ ފެންވަރުގެ ވަޒީފާއެކެވެ. މަތީ ތައުލީމް ޙާޞިލުކުރީ ވަޒީފާ އަދާކުރަމުންނެވެ. ކިޔެވީ ހިޔުމަން ރިސޯސަސްގެ ދާއިރާއިންނެވެ.  

އަޅުގަނޑު ވަޒީފާއަދާކުރީ އެއީ އަމިއްލަ މަސައްކަތެއް ކަމުގައި ބަލައިގެންނެވެ. އެހެންކަމުން ދުވަހަކުވެސް މަސައްކަތަށް ފަރުވާކުޑަވެގެން ނުވަތަ ކުރަންޖެހޭ މަސައްކަތެއް ނުކޮށްގެން، މުއްދަތަށް ނުނިންމައިގެން އެއްވެސް ޝަކުވާއެއްވެސް ކޮށްފައެއް ނުވެއެވެ. އެހެންކަމުން ހުރީ ވަޒީފާއަދާކުރެވެނީ ވަރަށް ރަނގަޅަށް ކަމަށް ޤަބޫލުކޮށް ހިތްހަމަޖެހިގެންނެވެ.  

އަޅުގަނޑު ކައިވެނިކުރީ ވަޒީފާގައި މަސައްކަތްކުރާތާ 5 ވަނައަހަރުއެވެ. ކައިވެނިކުރިތާ ކުޑަދުވަސްކޮޅެއްވެސް ނުވަނީސް ކުއްލިއަކަށް ވަޒީފާއިން ވަކިކޮށްފިއެވެ. ސަބަބެއްކަމަށް ބުނެފައި އޮތީ އަޅުގަނޑުގެ ޚިދުމަތް އިތުރަށް ބޭނުންނުވުމެވެ. ވީމާ ކުރެވުނީ ކޮން ކުށެއްކަން އެނގޭނެ ގޮތެއް ނުވިއެވެ.  

ވަޒީފާއިން ވަކިކުރުންވީ ލިބުނު ވަރަށް ބޮޑު ނިކަމެތިކަމަކަށެވެ. އެއިރު އަޅުގަނޑުވަނީ މަންމަގެ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވަން ލޯނެއް ނަގައިފައެވެ. އެއިގެ އިތުރުން ކައިވެނިކޮށްގެން ދިރިއުޅޭނެ ތަނެއް ގޭގައި ހެދުނީވެސް ލޯނެއް ނަގައިގެންނެވެ. އެހެންވެ އެންމެ ދެރަވީ ކުއްލިއަކަށް ހުރިހާ ބުރަތަކެއް ފިރިމީހާއަށް ޖެހުމުން އޭނާއަށް ނުބައި ގޮތަކަށް ވިސްނިދާނެތީއެވެ. ބުރަ ބޮޑުވެ ފޫހިވެދާނެތީއެވެ.  

ކޮންމެއަކަސް އަޅުގަނޑަކީ އަބަދުވެސް އަދި ހުރިހާކަމެއްގައިވެސް ﷲ ތަޢާލާގެ އެންގެވުންތަކަށް ފަރުވާތެރިވެ ކިތަންމެ ބުރަކޮށް މަސައްކަތްކުރި ނަމަވެސް ނަމާދުތައް ބަރާބަރަށްކޮށް ފާފައެއް ނުކުރަން މަސައްކަތްކުރަމުން އައި އަންހެނަކީމެވެ. އަދި މަންމަ އާއި ބައްޕައަށް ވީހާ ރަނގަޅަކަށް ކަންކަންކޮށްދޭންވެސް މަސައްކަތްކުރަމެވެ. އެހެންވެ ދެރަގޮތެއް މެދުވެރިނުވާނެކަމުގެ ޔަޤީންކަން އަބަދުވެސް އޮވެއެވެ.  

ވަޒީފާ ގެއްލުމުން މާޔޫސްކަމެއް ލިބުނެވެ. ނަމަވެސް ކުރިން މިބުނި ފަދައިން ﷲ ތަޢާލާގެ ރަޙްމަތަށް އުންމީދު ކަނޑައެއް ނުލަމެވެ. ވަޒީފާއެއް ހޯދަން ދިއައީ މަސައްކަތްކުރަމުންނެވެ. އެގޮތުން ކުރިމަސައްކަތްތަކުގެ ތެރެއިން އިންޓަރވިޔުއަކަށް ދެވުނު ކުންފުނީގެ ވެރިޔާއަށް އަޅުގަނޑު ފެނުމުން ފުރަތަމަވެސް ފެށީ ފާޑަކަށް ހޭނށެވެ. އެހެންވެ ކުޑަކޮށް ލަދުވެސް ގަތެވެ.

ފުރަތަމަވެސް އެހީ ތިއައީ ޙަސަންގެ އަނބިމީހާ ދޯއެވެ! ލައްބައެވެ. ބުނުމުން އެހީ ކުރިން މަސައްކަތްކުރި ކުންފުނިން ވަޒީފާއިން ވަކިކުރި ސަބަބު އެނގޭތޯއެވެ؟ ނުއެނގޭކަމަށް ބުނުމުން ބުނީ ސަބަބު ބުނެފާނެ ކަމަށެވެ. "އެސަބަބަކީ އެކުންފުނީގެ ބޮސްގެ އަނބިމީހާއަކީ ޙަސަންގެ ފުރަތަމަ ބިޓެވެ. ކަލެއަށް ތިއަބޭލީ އެކަމުގެ ޙަސަދައެވެ." ދެން އެއީ އަޅުގަނޑަށް ހަސަދަ ފިލުވަންޖެހޭ ކަމެއްތޯ؟ ސުވާލުކުރުމުން ބުނީ "ދެން މިފަހަރު އެހެންދިމާވީތާއެވެ."   

އޭނާ އަޅުގަނޑަށް ވަޒީފާދިނެވެ. ކުރިން ލިބުނު މުސާރައަށްވުރެ ރަނގަޅު މުސާރައެއްވެސް ދިނެވެ. އެހިސާބުން ވަޒީފާ ގެއްލިގެން ކުރިމަތިވި މައްސަލަ ޙައްލުވީއެވެ. ހަމަޖެހިލައިގެން ދިރިއުޅެމުން ދަނިކޮށް ކައިވެނީގެ ދެވަނަ އަހަރު ފިރިމީހާއަށް އަޅުގަނޑު ކަމުނުގޮސްގެން ވަރިކށްލާފައި ހިނގައްޖެއެވެ.

އެއީ މާބޮޑު މައްސަލައެއް ކަމަކަށް ނުދެކެމެވެ. ސަބަބަކީ ކައިވެނިކުރުމާއި ކައިވެނި ރޫޅުމަކީ ޢާންމުކަމަކަށްވާތީއެވެ. އޭނާއަށް އަޅުގަނޑަށްވުރެ ރަނގަޅު އަނތބަކު ލިބިދާނެ ކަމަށް ޤަބޫލުކުރެވުނީމާ ދިއައީއެވެ. އެހެންވެ އޭނާ ކުށްވެރިކުރާކަށްވެސް ނެތީމެވެ. އެއިގެ އަހަރެއްހައި ދުވަސްފަހުން ބޮސްގެ ކައިވެނި ރޫޅިއްޖެއެވެ. ބޮސްގެ އަނބިމީހާއަށް މާރަނގަޅު މީހަކުކަމަށް ޤަބޫލުކުރެވުނު މީހަކު ފެނުމުން ބޮސްއާއި ވަކިވީއެވެ.  

އަހަރެއްހައި ދުވަސްފަހުން އެއްދުވަހަކު ބޮސްލައްވައި ލިޔުމެއްގައި ސޮއިކުރަން ދިއުމުން ސޮއިކޮށްދީފައި ދައްކަންފެށީ މުޅިން ތަފާތު ވާހަކަތަކެކެވެ. އަޅުގަނޑާއި ކައިވެނިކުރުމުގެ ވާހަކައެވެ. އަޅުގަނޑު ފުރަތަމަވެސް ބުނީ ބޭނުންނަމަ އިޝްތިހާރުނުކޮށް ކައިވެނިކުރުމަށެވެ. އެބަސް ބޮސް ޤަބޫލުކުރިއެވެ.  

ކައިވެނީގައި 2 އަހަރުވީތަނާ އެއްދުވަހަކު ފިރިމީހާ ބުންޏެވެ. "މިވާހަކަ ހިއްޞާކުރަން އެބަޖެހެއެވެ. ކަލޭ ކުރިން މަސައްކަތްކުރި ކުންފުނިން މިކުންފުންޏަށް ވަރަށް ގިނަ ފައިސާ ދައްކަން ޖެހިފައި އޮންނަތާ ވަރަށް ގިނަ ދުވަސް ވެއްޖެއެވެ. މިހާރު 5 އަހަރަށްވުރެވެސް ގިނަވެދާނެއެވެ. މިހާރު އޭނާ ބޭނުންވަނީ އޭނާގެ ކުންފުނި އަހަރެންނަށް ވިއްކާށެވެ. އިތުރަށް އަހަރެން ދޭންޖެހޭނީ ވަރަށް މަދު ފައިސާކޮޅެކެވެ. ޚިޔާލަކީ ކޮބައިހެއްޔެވެ؟ އެކުންފުނި ގަނެގެން ފައިދާއެއް ހޯދޭނެ ހެއްޔެވެ؟"

ޖަވާބުގައި ބުނީމެވެ. "އަޅުގަނޑު އެތަނުގައި މަސައްކަތްކުރި ދުވަސްވަރު ފައިދާވެއެވެ. އަބަދުހެން އޮންނަނީ މަސައްކަތް ނުކުރެވިފައެވެ. ކުރާނެ މަސައްކަތް ލިބެއެވެ. ދެން އިތުރަށް ބަލާނަމަ އެއީ ޢިމާރާތްކުރާ ކުންފުންޏެވެ. އަހަރެމެންނަކީ ޢިމާރާތްކުރަން ބޭނުންވާ ތަކެތި ވިއްކާ ބައެކެވެ. ވީމާ ދެބައި ގުޅުވައިގެން ރަނގަޅަށް މަސައްކަތްކުރެވިއްޖެނަމަ ފައިދާ ނުވާންވީ ސަބަބެއް ނެތެވެ."  

ފިރިމިހާ އެކުންފުނިގަތެވެ. އަދި އެކުންފުނި ހިންގުން އަޅުގަނޑާއި ޙަވާލުކުރިއެވެ. ފިރިމީހާ ބޭނުންވީ އަޅުގަނޑުގެ ކުރީގެ ބޮސް މެނޭޖަރެއްގެ ވަޒީފާގައި ބަހައްޓައިގެން ކުންފުނި ހިންގާށެވެ. އެދެމީހުންނަކީ ގާތް ދެއެކުވެރިންކަމަށްވުމުން އެކަމަށް ދެކޮޅެއް ނުހަދަމެވެ. ނަމަވެސް އޭނާއަށް ކުޑަ ބަހެއް ބުނެވުނެވެ. "ފިރިމީހާއަށް އޮތް ހަސަދައެއްގައި އަޅުގަނޑު ވަޒީފާއިން ވަކިކުރި ގޮތަށް ކަލޭ ވަޒީފާއިން ވަކިކުރާކަށް ނެތީމެވެ. ރަނގަޅަށް މަސައްކަތްކުރާށެވެ. އަދި މަސައްކަތްކުރާއިރު އެއްވެސް މުވައްޒިފަކަށް ޒާތީ އެއްވެސް ޙަސަދައެއް ނުފިލުވާށެވެ! އެއީ ﷲ ގެ ބަރަކާތް ކެނޑިގެން ހިނގައިދާނެ ކަމެކެވެ."  

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ފުރަތަމަ ކަމަކަށްވެސް އެއްވެސް މީހަކަށް ނުޙައްޤުން އަނިޔާއެއް ނުދޭށެވެ. ޙަސަދަވެރިނުވާށެވެ! ދުނިޔޭގައި ކަންކަން ހިނގާނީ ކިހިނަކުން ކަމެއް ނުއެނގޭނެއެވެ. ހަމަ ޤައިމުވެސް ހަސަދަވެރިން ދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވެއެވެ. ވީމާ އެކަން އެމީހަކާއި ކުރިމަތިވާނީ ކިހިނަކުން ކަމެއް ނުއެނގޭނެއެވެ.  

ދެން ބުނެލަން ބޭނުންވަނީ މުފްތީ މެންކް ވަރަށް ގިނައިން ވިދާޅުވާ ބަސްފުޅެކެވެ. މިއަދުނޫހުން ވަރަށް ގިނައިން ފެންނަ ޢިބާރާތެކެވެ. "ތިމާ ރަނގަޅު ގޮތުގައި ހުއްޓައި ކައިވެނި ރޫޅިއްޖެ ނަމަ ދެރަނުވާށެވެ. ބަދަލުގައި މާރަނގަޅު ބައިވެރިއަކު ދެއްވަވާނެއެވެ."

 

- ސަލީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން