ބީއެމްއެލްއިން މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ރާއްޖެއިން ބޭރަށް 1.04 ބިލިޔަން ޑޮލަރު ފޮނުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
ބީއެމްއެލްއިން މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ރާއްޖެއިން ބޭރަށް 1.04 ބިލިޔަން ޑޮލަރު ފޮނުވައިފި

މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ރާއްޖެއިން ބޭރަށް 1.04 ބިލިޔަން ޑޮލަރު ފޮނުވާފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހާމަކޮށްފިއެވެ.

ބީއެމްއެލްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ފުރަތަމަ ކުއާޓަރގައި ރާއްޖެއިން ބޭރުން ރާއްޖެއަށް އެތެރެވި ފައިސާގެ އަދަދަކީ 1.27 ބިލިޔަން ޑޮލަރެވެ. ނަމަވެސް، ހަމަ އެ މުއްދަތުގެ ތެރޭގައި ރާއްޖެއިން ބޭރަށް 1.04 ބިލިޔަން ޑޮލަރު ވަނީ ފޮނުވާފައެވެ.

މި ތަފާސްހިސާބުތަކާ ގުޅޭގޮތުން ބޭންކުން ބުނީ، ވިޔަފާރިތަކަށް ބޭނުންވާ މުދާ އެތެރެކުރުމަށާއި އެހެނިހެން ބޭނުންތަކަށް ޓީޓީ ހެދުމަށް ދޫކުރާ ޑޮލަރުގެ އަދަދުވެސް މިދިޔަ އަހަރާ އަޅާބަލާއިރު އިތުރުވެފައިވާ ކަމަށެވެ. އެގޮތުން، މިދިޔަ 2025 ވަނަ އަހަރު އެވްރެޖްކޮށް މަހެއްގެ މައްޗަށް 14.6 މިލިޔަން ޑޮލަރުގެ ޓީޓީ ވިއްކާފައިވާއިރު، މި އަހަރުގެ ފުރަތަމަ ކުއާޓަރގައި އެ އަދަދު ވަނީ މަހަކު 35.4 މިލިޔަން ޑޮލަރަށް އުފުލިފައެވެ. މިއީ މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހަށް ބަލާއިރު ޖުމްލަ 106.2 މިލިޔަން ޑޮލަރެވެ.

ނިމިދިޔަ 2025 ވަނަ އަހަރުގެ މުޅި ޖުމްލަ ހިސާބުތަކަށް ބަލާއިރު، ބީއެމްއެލް މެދުވެރިކޮށް ރާއްޖެއަށް 3.69 ބިލިޔަން ޑޮލަރު އެތެރެވި އިރު، ރާއްޖެއިން ބޭރަށް 3.28 ބިލިޔަން ޑޮލަރު ވަނީ ފޮނުވާފައެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ބުނީ އެ ބޭންކުގެ އަމާޒަކީ މެދުނުކެނޑި ވިޔަފާރިތަކަށާއި އާންމު ފަރުދުންގެ މުހިންމު ބޭނުންތަކަށް ބޭރުފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. މީގެ ތެރޭގައި ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ އެތެރެކުރުމަށް ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމަށް އިސްކަންދޭނެ ކަމަށްވެސް އެ ބޭންކުން ވިދާޅުވިއެވެ.

މިއަދު އޮންލައިން