މިދިޔަ 2023 ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ގްރީން ފަންޑުގައި ބާކީ 3.5 ބިލިޔަން ރުފިޔާ ހުރިކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މާލީ ވުޒާރާއިން ދާދިފަހުން އާއްމުކޮށްފައިވާ މިދިޔަ ޑިސެންބަރު މަހުގެ ގްރީން ފަންޑު ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރުގެ ތެރޭގައި އެ ފަންޑަށް ޖުމްލަ 2.5 ބިލިޔަން ރުފިޔާ ޖަމާވެފައިވެއެވެ. އަދި ތިމާވެއްޓާ ގުޅުންހުރި އެކި މަޝްރޫޢުތަކަށް މިދިޔަ އަހަރުގެ ތެރޭގައި އެ ފަންޑުން 275 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށްވެސް އެ ވުޒާރާގެ ހިސާބުތަކުން އެނގެއެވެ.
ގްރީން ޓެކުހަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށާއި ތިމާވެއްޓާ ގުޅުންހުރި އެކި މަސައްކަތްތަކަށް ބޭނުންވާ މާލީ އެހީ ހޯދުމަށްޓަކައި، ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ޓެކުހެކެވެ. މި ޓެކްސް ނަގަނީ ރާއްޖޭގެ ރިސޯޓްތަކާއި، ގެސްޓްހައުސްތަކާއި، ސިޓީ ހޮޓާތަކުގެ އިތުރުން ސަފާރީތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންގެ އަތުންނެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، ގްރީން ފަންޑަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ރިސޯޓްތަކުންނެވެ. އެއީ ގާތްގަނޑަކަށް 200 މިލިޔަން ރުފިޔާއެވެ. ދެވަނައަށް އެންމެ ގިނަ އާމްދަނީ ލިބިފައިވަނީ ގެސްޓްހައުސްތަކުންނެވެ. އެއީ 11.2 މިލިޔަން ރުފިޔާއެވެ.
މީގެއިތުރުން، ސިޓީ ހޮޓާތަކުން 2.1 މިލިޔަން ރުފިޔާ، ސަފާރީ އުޅަނދުތަކުން 4.7 މިލިޔަން ރުފިޔާ އަދި އަލަށް ތަޢާރަފްކުރި ހޯމްސްޓޭ ފަތުރުވެރިކަމުން 92,403 ރުފިޔާ ގްރީން ފަންޑަށް ލިބިފައިވާ ކަމަށް މާލީ ވުޒާރާގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ތިމާވެށި ހިމާޔަތްކުރުމަށާއި، ރާއްޖޭގެ ރަށްތަކުގައި ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ހިންގުމަށް މި ފަންޑުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށް މަސައްކަތް ކުރަމުންނެވެ.