ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ "ދެކުނު ކަނެކްޓިވިޓީ" މަޝްރޫޢުގެ ދަށުން މިހާތަނަށް 1800 އަށްވުރެ ގިނަ ފަސިންޖަރުން ޚިދުމަތް ހޯދާފައިވާކަމަށް ޤައުމީ އެއާލައިން މޯލްޑިވިއަނުން ހާމަކޮށްފިއެވެ.
ރާއްޖޭގެ ދެކުނުގެ އަތޮޅުތައް ވައިގެ މަގުން ގުޅާލުމަށް ފެށި މި މުހިންމު ޚިދުމަތް ޝެޑިއުލް އުސޫލުން ރަސްމީކޮށް ފަށާފައިވަނީ މިއަހަރުގެ ފެބްރުވަރީ މަހުގެ 1 ވަނަ ދުވަހުއެވެ.
ޒަމާނުއްސުރެ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު ބައްޓަންވެފައި އޮންނަ ގޮތުން، ގިނަ ދަތުރުތައް ޝެޑިއުލް ކުރެވެނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓައިމްލައިނާ އެއްގޮތަށެވެ. މީގެ ސަބަބުން ބޭރުން އަންނަ ފްލައިޓުތަކަށާއި ފަތުރުވެރިންގެ ދަތުރުތަކަށް އިސްކަންދެވޭތީ، އާންމު ރައްޔިތުންނަށް ދަތުރުފަތުރުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވެއެވެ. މީގެ އިތުރުން، ވިޔަފާރީގެ ގޮތުން ބަލާއިރު އެކަށީގެންވާ ޑިމާންޑެއް ނެތުމުގެ ސަބަބުން، މާލެއާ ނުގުޅި ސަރަޙައްދީ އެއަރޕޯޓުތަކުގެ މެދުގައި ދަތުރުތައް ބޭއްވުމަކީ މީގެ ކުރިން ބޮޑު ހުރަހަކަށް އޮތީ ވެފައެވެ.
އެކި ސަރުކާރުތަކުން ސަރަޙައްދީ ކަނެކްޓިވިޓީ ގާއިމުކުރުމަށް މަސައްކަތްތަކެއް ކުރި ނަމަވެސް، ޚަރަދު ބޮޑުވުމާއި އެކި ސަބަބުތަކާ ހުރެ އެކަން އޮތީ ކާމިޔާބުވާ ގޮތް ނުވެފައެވެ. ޚާއްޞަކޮށް ދެކުނުގެ އަތޮޅުތަކަށް ކުރާ ދަތުރުތައް މަދުވުމަކީ އެ ސަރަޙައްދުގެ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެކެވެ.
ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދެކުނުގެ ތަރައްޤީއަށާއި ފަތުރުވެރިކަން ފުޅާކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، މިހާރު ވަނީ ދެކުނުގެ 4 އަތޮޅު ވައިގެ މަގުން ގުޅާލާފައެވެ. މިއީ އެ ސަރަޙައްދުގެ އިޤްތިޞާދީ ހަރަކާތްތަކަށް ލިބިގެންދިޔަ ބޮޑު ދިރުމެއްގެ ގޮތުގައި މޯލްޑިވިއަނުން ފާހަގަކުރެއެވެ.
މި މަޝްރޫޢުގެ ސަބަބުން ދެކުނުގެ އަތޮޅުތަކުގެ މެދުގައި ކުރެވޭ ދަތުރުތަކަށް ބޮޑު ލުޔެއް ލިބި، ފަތުރުވެރިކަމުގެ މަންޒިލްތަކަށް ދަތުރުކުރާ މީހުންނަށާއި އާންމު ރައްޔިތުންނަށް ފަސޭހަކަމާއެކު ޚިދުމަތް ލިބޭނެ މަގު މިހާރު ވަނީ ތަނަވަސްވެފައެވެ.