މާރިޗު މަހު ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ އަދަދު އިތުރުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
މާރިޗު މަހު ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ އަދަދު އިތުރުވެއްޖެ

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ނިމިދިޔަ މާރިޗު މަހު ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ އަދަދު ވަނީ އޭގެ ކުރީ މަހާ އަޅާބަލާއިރު ބޮޑުތަނުން އިތުރުވެފައެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން، މާރިޗު މަހު ރާއްޖެއިން ވަނީ ޖުމްލަ 69 މިލިޔަން ރުފިޔާގެ މަސް ބޭރުގެ ބާޒާރުތަކަށް އެކްސްޕޯޓުކޮށްފައެވެ. މިއީ މިއަހަރުގެ ފެބުރުވަރީމަހު ރާއްޖެއިން އެކްސްޕޯޓުކޮށްފައިވާ 51 މިލިޔަން ރުފިޔާގެ މަހާ އަޅާބަލާއިރު 35 އިންސައްތައިގެ އިތުރުވުމެކެވެ.

ރާއްޖެއިން ބޭރުގެ ބާޒާރުތަކަށް މައިގަނޑު ގޮތެއްގައި އެކްސްޕޯޓުކުރަނީ ކަޅުބިލަމަހާއި ރީނދޫ އުރަހަ ކަންނެލިއެވެ. މި ބާވަތްތައް ބޭރުކުރަނީ ގަނޑުކޮށްގެންނާއި، ތާޒާކޮށް އަދި ދަޅުގައި ބަންދުކޮށްގެންނެވެ. ކަސްޓަމްސްގެ ތަފާސްހިސާބުތަކުން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، މާރިޗު މަހު ދަޅުގައި ބަންދުކޮށްގެން ކަޅުބިލަމަސް އެކްސްޕޯޓުކުރި މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމެވެ.

އެގޮތުން، ދަޅުގައި ބަންދުކޮށްގެން މަސް އެކްސްޕޯޓުކުރި މިންވަރު ވަނީ 75 އިންސައްތަ އިތުރުވެފައެވެ. ފެބުރުވަރީ މަހު 29 މިލިޔަން ރުފިޔާގެ ދަޅުމަސް އެކްސްޕޯޓުކޮށްފައިވާއިރު، މާރިޗު މަހު މި އަދަދު ވަނީ 51 މިލިޔަން ރުފިޔާއަށް އުފުލިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވައި، މަސްވެރިން ބާނާ މަހަށް ރަނގަޅު އަގު ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ. މިގޮތުން ބޭރުގެ ބާޒާރުތަކަށް އެކްސްޕޯޓްކުރާ މަހުގެ މިންވަރު އިތުރުވުމަކީ ރާއްޖޭގެ އިގްތިސާދަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ.

މިއަދު އޮންލައިން