އެސްޓީއޯގެ ފުރަތަމަ ކުއާޓަރުގެ އާމްދަނީ 5.49 ބިލިއަން ރުފިޔާއަށް އަރައިފި - އެންމެ ބޮޑު ކުރިއެރުމެއް ތެލުގެ ވިޔަފާރިއަށް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 36ސ
އެސްޓީއޯގެ ފުރަތަމަ ކުއާޓަރުގެ އާމްދަނީ 5.49 ބިލިއަން ރުފިޔާއަށް އަރައިފި - އެންމެ ބޮޑު ކުރިއެރުމެއް ތެލުގެ ވިޔަފާރިއަށް

ސަރުކާރުގެ މައި ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 5.49 ބިލިއަން ރުފިޔާގެ ބޮޑު އާމްދަނީއެއް ހޯދައިފިއެވެ.

އެސްޓީއޯއިން އާންމުކޮށްފައިވާ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ރިޕޯޓަށް ބަލާއިރު، ކުންފުންޏަށް ލިބުނު އާމްދަނީ މިހާ ބޮޑަށް އިތުރުވި އެންމެ މައިގަނޑު ސަބަބަކީ ކުންފުނީގެ ތެލުގެ ވިޔަފާރިއަށް ލިބުނު ބޮޑު ކުރިއެރުމެވެ. މިގޮތުން، އެސްޓީއޯގެ ވިޔަފާރިތަކުގެ ތެރެއިން އެންމެ ކާމިޔާބު ވިޔަފާރިއެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ތެލުގެ ވިޔަފާރިއެވެ.

ތެލުގެ ވިޔަފާރީގެ ދާއިރާއިން އެސްޓީއޯއިން އަލަށް ފަށާފައިވާ ބަންކަރިންގެ ޚިދުމަތަށްވެސް މިދިޔަ ކުއާޓަރުގައި ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބަންކަރިން ޚިދުމަތް ރާއްޖޭގައި ފަށާފައިވަނީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް، އާމްދަނީ ލިބޭނެ އިތުރު މަގުތައް ފަހިކުރުމުގެ މަޤްޞަދުގައެވެ.

މި ޚިދުމަތާ ގުޅޭގޮތުން އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވަމުން، މިމަހުގެ 8 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން ހާމަކުރެއްވި ގޮތުގައި، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ރަސްމީކޮށް ފެށި މި ޚިދުމަތަށް ބޮޑު ތަރުޙީބެއް ދަނީ ލިބެމުންނެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ޚިދުމަތް ފެށި ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި އެކަނިވެސް ބަންކަރިން ޚިދުމަތުން 730 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ.

ސަރުކާރުން ގަބޫލުކުރާ ގޮތުގައި، ބަންކަރިންގެ މަސައްކަތް ފަށާފައިވަނީ އެންމެ ފުރިހަމައަށް ބޭނުންވާ މިންވަރަށް ނޫން ނަމަވެސް، މިހާރު ލިބެމުންދާ ތަފާސްހިސާބުތަކުން ދައްކަނީ މި ޚިދުމަތުން ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑު މަންފާއެއް ކުރަމުންދާ ކަމެވެ.

އެސްޓީއޯގެ މި ކާމިޔާބީއާއެކު، ކުރިއަށް އޮތް ކުއާޓަރުތަކުގައިވެސް ކުންފުނީގެ މާލީ ހާލަތު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް މާލީ މާހިރުން ލަފާކުރެއެވެ.

މިއަދު އޮންލައިން