500 ސޯޝަލް ހައުސިންގ ޔުނިޓު މާލޭގައި ތަރައްޤީކުރުމަށް ޗައިނާއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 51ސ
500 ސޯޝަލް ހައުސިންގ ޔުނިޓު މާލޭގައި ތަރައްޤީކުރުމަށް ޗައިނާއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި


500 ސޯޝަލް ހައުސިންގ ޔުނިޓު މާލެ ސިޓީގައި ތަރައްޤީކުރުމަށް ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޗައިނާގެ ބެއިޖިންގްގައި 2026 އޭޕްރިލް 21 އިން 22 އަށް ކުރިއަށްދިޔަ "ތަރޑް ހައި-ލެވެލް ކޮންފަރެންސް އޮން ގްލޯބަލް އެކްޝަން ފޯ ފެސިލިޓޭޓިންގް ޝެއަރޑް ޑިވެލޮޕްމަންޓް" ކޮންފަރެންސްގެ ހަވާސާގައެވެ. ދެ ޤައުމުގެ ދެމެދުގައި ކުރިއަށްދިޔަ މަޝްވަރާތަކަށްފަހު، މި މަޝްރޫޢާ ގުޅޭ "މިނިޓްސް އޮފް ދަ މީޓިންގ" ގައި މިހާރު ވަނީ ރަސްމީކޮށް ސޮއިކުރެވިފައެވެ.

މިކަމާ ގުޅޭގޮތުން ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަޝްރޫޢަކީ ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ދޭ އިންޓްރެސްޓް ފްރީ ނުވަތަ އިންޓްރެސްޓް ނުހިމެނޭ ފެސިލިޓީއެއްގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އިބްރާހީމް ތޯޢާމް މުޙައްމަދެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީ.އައި.ޑީ.ސީ.އޭ) ގެ ވައިސް ޗެއަރމަން ލިއު ޖުންފެންގް އެވެ.

މި ބައްދަލުވުމުގެ ތެރެއިން، ސީ.އައި.ޑީ.ސީ.އޭ އާއެކު ބޭއްވުނު ދެފަރާތުގެ ރަސްމީ ބައްދަލުވުމުގައި، ޗައިނާގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި ކުރިއަށްގެންދާ އެކި މަޝްރޫޢުތަކާ ގުޅޭގޮތުންވެސް ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް ތަރައްޤީގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމެއް ކަމަށް ސަރުކާރުން ފާހަގަކުރައްވައެވެ.

މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ހޯއްދަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެންމެ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ އެއް މަސައްކަތެވެ. މިގޮތުން ޗައިނާ ސަރުކާރުގެ އެހީގައި ފެށޭ މި މަޝްރޫޢަކީ މި އަމާޒަށް ވާޞިލްވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މިއަދު އޮންލައިން