މިލަންދޫ އެއާޕޯޓް މަޝްރޫޢު: 11 ހެކްޓަރުގެ ބިން ހިއްކާ ނިމިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
މިލަންދޫ އެއާޕޯޓް މަޝްރޫޢު: 11 ހެކްޓަރުގެ ބިން ހިއްކާ ނިމިއްޖެ

ށ. މިލަންދޫގައި އެއާޕޯޓާއި ބަނދަރު ތަރައްޤީ ކުރުމަށް ކުރިއަށްގެންދާ ބިޔަ މަޝްރޫޢުގެ ދަށުން، މިހާތަނަށް 11 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.

މިލަންދޫގެ ތަރައްޤީއަށްޓަކައި ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މި މަޝްރޫޢުތައް ކުރިއަށް އޮތް 2 އަހަރު ދުވަހުގެ ތެރޭގައި އެއްކޮށް ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. 2،700 އަށްވުރެ ބޮޑު އާބާދީއެއް އޮތް މިލަންދޫގައި އެއާޕޯޓެއް ތަރައްޤީ ކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. ރައީސް ވިދާޅުވެފައިވަނީ މި މިދައުރުގެ ތެރޭގައި މިލަންދޫ އެއާޕޯޓުގެ މަސައްކަތް ނިންމަވައި ރައްޔިތުންނަށް ޚިދުމަތް ދޭން ފަށާނެ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން ޖުމްލަ 25 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އެއާޕޯޓު ތަރައްޤީ ކުރުމުގެ މުޅި މަޝްރޫޢު އެމްއޭސީއެލްއާ ޙަވާލުކޮށްފައިވާއިރު، ބިން ހިއްކުމުގެ މުހިންމު މަސައްކަތްތައް ކުރިއަށް ގެންދަނީ ދުނިޔޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ބޮސްކާލިސް (Boskalis) އިންނެވެ.

މިލަންދޫގައި އެއާޕޯޓެއް ބިނާކުރުމަކީ އެ ރަށުގެ ރައްޔިތުން ދެކެމުން އައި ޒަމާންވީ ހުވަފެނެކެވެ. މި މަޝްރޫޢު ނިމުމުން، ރަށުގެ އިޤްތިޞާދަށް އާ ދިރުމެއް ލިބި، ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. މިލަންދޫ އެއާޕޯޓަކީ އެ ސަރަޙައްދުގެ ފަތުރުވެރިކަމާއި ވިޔަފާރިއަށްވެސް އަންނާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.

މިއަދު އޮންލައިން