މޭޔަރަށް ހަމަލާދޭން މަސައްކަތްކުރުން އެންމެ ހަރުކަށި އިބާރާތުން ރައީސުލްޖުމްހޫރިއްޔާ ކުށްވެރިކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
މޭޔަރަށް ހަމަލާދޭން މަސައްކަތްކުރުން އެންމެ ހަރުކަށި އިބާރާތުން ރައީސުލްޖުމްހޫރިއްޔާ ކުށްވެރިކުރައްވައިފި

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމަށް ހަމަލާދޭން މަސައްކަތްކުރި މައްސަލަ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން ރޭ މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމަށް މީހަކު ހަމަލާދޭން މަސައްކަތްކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގެންފައިވާ ކަމަށެވެ. އަދި އެ މޭޔަރަށް ހަމަލާދޭން މަސައްކަތްކުރި ކުރުން އެމަނިކުފާނު ވަރަށް ބޮޑަށް ކުށްވެރިކުރައްވާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

މާލޭ ސިޓީގެ މޭޔަރަކީ ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިޚާބުވެވަޑައިގެންފައިވާ ބޭފުޅަކަށް ވީހިނދު، އެމަނިކުފާނަށް ނުވަތަ އެއްވެސް އެހެން ސިޔާސީ ލީޑަރަކަށް އެބޭފުޅެއްގެ ސިޔާސީ މަސައްކަތުގައި އުޅުއްވާ ވަގުތު ނުވަތަ އަމިއްލަ ދިރިއުޅުއްވުމުގައިވިޔަސް، ހަމަލާދީ އެބޭފުޅުންގެ މަސައްކަތަށް ހުރަސްއެޅުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫންކަމަށް ރައީސްގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން، މިފަދަ ނޭދެވޭ ކަންކަން ހުއްޓުވައި، ކޮންމެ ރައްޔިތަކަށްމެ ބިރުވެރިކަމެއް ނެތް، އަމާން މާހައުލެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުންދާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދެއްވާފައެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭ މާލޭގައި އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދިޔަ ސިޔާސީ ހަރަކާތެއްގެ ތެރެއިންނެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިއަދު އޮންލައިން