ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޕްރައިމަރީ ކުރީގެ މެންބަރު ސިނާނު ކާމިޔާބު ކުރައްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޕްރައިމަރީ ކުރީގެ މެންބަރު ސިނާނު ކާމިޔާބު ކުރައްވައިފި

ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ހިތަދޫ އުތުރު ދާއިރާއަށް ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީ، އެ ދާއިރާގެ މެންބަރުކަން ކުރިންވެސް އަދާކުރެއްވި މުހައްމަދު ސިނާނު ކާމިޔާބު ކުރައްވައިފިއެވެ.

މިއަދު ބޭއްވި މި ޕްރައިމަރީގައި ސިނާނުއާ ވާދަކުރެއްވީ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ މަޤާމުގައި ހުންނެވި އަޙްމަދު ސަޢީދެވެ. އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ސިނާނު މި ޕްރައިމަރީ ކާމިޔާބު ކުރެއްވީ 39 ވޯޓުގެ ތަފާތަކުންނެވެ.

މި އިންތިޚާބުގައި ސިނާނަށް ޖުމުލަ 226 ވޯޓު ލިބިވަޑައިގެންނެވިއިރު، އޭނާއާ ވާދަކުރެއްވި އަޙްމަދު ސަޢީދަށް ލިބިވަޑައިގަތީ 187 ވޯޓެވެ. މިއާއެކު، ކުރިއަށް އޮތް މަޖިލީސް އިންތިޚާބުގައި ޕީއެންސީގެ ރަސްމީ ޓިކެޓުގައި ހިތަދޫ އުތުރު ދާއިރާއަށް ވާދަކުރައްވާނީ ސިނާނުކަން މިވަނީ ކަށަވަރުވެފައެވެ.

ހިތަދޫ އުތުރު ދާއިރާއަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރާނީ ޢަބްދުﷲ ޞާދިޤެވެ. އޭނާއަށް އެ ޕާޓީގެ ޓިކެޓް ކަށަވަރުވީ ޕްރައިމަރީއަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި، އެ ދާއިރާއަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލީ ހަމައެކަނި މެންބަރަކީ އޭނާ ކަމަށްވާތީއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް އަމާޒު ހިފާފައިވާއިރު، ޕީއެންސީގެ ޕްރައިމަރީތައް ރާއްޖޭގެ އެކި ދާއިރާތަކުގައި މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ. ސިނާނަކީ މީގެ ކުރިންވެސް މަޖިލީހުގައި އެ ދާއިރާ ތަމްސީލުކުރައްވައި، ސިޔާސީ ދާއިރާގައި ތަޖުރިބާކާރު ބޭފުޅެކެވެ.

މިއަދު އޮންލައިން