ހުޅުމާލެ ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑުނު ހުރިހާ ސަރަޙައްދުތަކަށް އަލުން ކަރަންޓު ދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ
ހުޅުމާލެ ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑުނު ހުރިހާ ސަރަޙައްދުތަކަށް އަލުން ކަރަންޓު ދީފި

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބޮޑު ސަރަޙައްދަކުން މިއަދު މެންދުރު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަށްފަހު، އެ ހުރިހާ ސަރަޙައްދުތަކަށް މިހާރު އަލުން ކަރަންޓުގެ ޚިދުމަތް ދީފައިވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރުގެ ވަގުތެއްގައި ހުޅުމާލެ ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑެން ދިމާވީ، އެ ސަރަޙައްދުގައި މަގު ހެދުމުގެ މަސައްކަތް ކުރަމުންދާ ފަރާތްތަކުން މަގު ކޮނުމުގެ ތެރޭގައި ހައިވޯލްޓޭޖް ކޭބަލަކަށް ގެއްލުންވުމާ ގުޅިގެންނެވެ. މި ހާދިސާއާ ގުޅިގެން ހުޅުމާލެ ފޭސް 2 ގެ ގިނަ އަދަދެއްގެ ޓާވަރުތައް ހިމެނޭހެން ބޮޑު ސަރަޙައްދަކުން ކަރަންޓުގެ ޚިދުމަތް ވަނީ މެދުކެނޑިފައެވެ.

ސްޓެލްކޯއިން މަޢުލޫމާތު ދެއްވި ގޮތުގައި، ކޭބަލަށް ލިބުނު ގެއްލުން މަރާމާތުކޮށް، ކަރަންޓު މެދުކެނޑުނު ހުރިހާ ސަރަޙައްދުތަކަށް މިހާރު ވަނީ ކަރަންޓުގެ ޚިދުމަތް އިއާދަކޮށްދީފައެވެ.

މި ކަމާ ގުޅިގެން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށްޓަކައި ސްޓެލްކޯއިން ވަނީ މަޢާފަށް އެދިފައެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގިނަ އަދަދެއްގެ މީހުން އާބާދުވަމުންދާއިރު، މިފަދަ ހާދިސާތަކުގެ ސަބަބުން އާންމު ދިރިއުޅުމަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހެއެވެ.

މިއަދު އޮންލައިން