ކ. އަތޮޅާއި ވ. އަތޮޅުގައި ޕްރައިމަރީ ހެލްތު ކެއަރ (އަސާސީ ޞިއްޙީ ޚިދުމަތް) ހަރުދަނާކުރުމުގެ މަޝްރޫޢު ރަސްމީކޮށް ފަށައިފިއެވެ. މި ޕްރޮގްރާމް އިފްތިތާޙްކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތު އޮތީ ކ. ތުލުސްދޫގައެވެ.
މި މަޝްރޫޢު ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހެލްތު، ޤީލާ ޢަލީއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވަނީ، މިއީ ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކޮށް، އާންމު ފަރުދުންނާ ގާތުން ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން ފާހަގަކުރައްވާފައެވެ.
ޕްރައިމަރީ ހެލްތު ކެއަރ އަލުން ދިރުވައި އާލާކުރުމުގެ މި މަސައްކަތުގެ ތެރެއިން، މިނިސްޓަރ ޤީލާ ޢަލީ އާއި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު މިސް ޕޭޑަން ވަނީ "ޕީ.އެޗް.ސީ ކޮމިއުނިކޭޝަން ކެމްޕޭން" ވެސް އިފްތިތާޙްކޮށްދެއްވާފައެވެ. މި ކެމްޕޭނުގެ މައިގަނޑު މަޤްޞަދަކީ ޞިއްޙީ ދުޅަހެޔޮކަމަށް އާންމުން ހޭލުންތެރިކުރުވައި، ދުޅަހެޔޮ ދިރިއުޅުމަކަށް ބޭނުންވާ މަޢުލޫމާތު ކޮންމެ ރައްޔިތަކަށް ފޯރުކޮށްދިނުމެވެ.
މި ރަސްމިއްޔާތުގެ ތެރެއިން، ޕްރައިމަރީ ހެލްތު ކެއަރ ހަރުދަނާކުރުމުގެ ޤައުމީ ރޯޑްމެޕާ ގުޅޭގޮތުން ޚާއްޞަ ޕެނަލް ޑިސްކަޝަނެއް ވެސް ކުރިއަށްދިޔައެވެ. މި ސެޝަން މޮޑަރޭޓްކޮށްދެއްވީ ޙަސަން އެވެ. މި މަޝްވަރާތަކުގައި ޑރ. މުޙައްމަދު ޢަލީ، ޑރ. އަޙްމަދު އަޝްރަފް، އިބްރާހީމް ނިޝާން އަޙްމަދު އަދި ރަމްލާ ވަޖީހު ބައިވެރިވެވަޑައިގެން، ރާއްޖޭގެ ޞިއްޙީ ނިޒާމު އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޢުލޫމާތު ހިއްސާކުރެއްވިއެވެ.
ޞިއްޙީ ވުޒާރާއިން ބުނިގޮތުގައި، ކ. އަދި ވ. އަތޮޅުގައި މިއަދު މި ފެށުނު ޕްރޮގްރާމަކީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އަސާސީ ޞިއްޙީ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ. މީގެ ސަބަބުން ބަލިތަކުން ރައްކާތެރިވުމަށާއި، ބަލިތައް ކުރިއާލާ ދެނެގަނެ ފަރުވާ ފެށުމަށް މަގުފަހިވެގެންދާނެއެވެ.