އެދެމަފިރިންނަކީވެސް ލޯބިން އެކުގަ އުޅެމުން އައި ދެމަފިރިންނެވެ. މައްސަލަ ޖެހެން ފެށީ ކައިވެންޏަށް 4 ވަނަ އަހަރުއެވެ. ފިރިމީހާ ދަރިއަކަށް ބޭނުންވުމުންނެވެ. ދެމަފިރިން އެކުގައި ޑޮކްޓަރަށް ގޮސް ޓެސްޓްތައް ހެދުމުން އެނގުނީ ދަރިއަކު ނުލިބެންވީ އެއްވެސް މައްސަލައެއް ނެތްކަމެވެ. އަހަރަކަށްވުރެ ގިނަ ދުވަސްވަންދެން ދެމަފިރިން އެކަމެއްގައި އުޅެފައި ފިރިމީހާ އެކަމާ އުޅުން ހުއްޓައިލީއެވެ.
ދުވަސްކޮޅެއްފަހުން އެނގުނީ ގޭގައި ގެންގުޅޭ ކުއްޖާ އިނީ ބަލިވެކަމާއި ބަލިވެއިނީ ފިރިމީހާއަށް ކަމެވެ. އެކަން އެނގިގެން އަނބިމީހާ އޭނާކުށްވެރިކޮށް އޭނާއަށް އެއްޗެތިގޮވަން ހުއްޓައި ފިރިމީހާ ގޮސްބުންޏެވެ. "ރުޅިއަންނަންވީ ތިބާ ދެކެއެވެ. އެއްޗެތި ގޮވަންވީވެސް ތިބާއަށެވެ." ފިރީމީހާގެ ޖަވާބަކީ ނޭގެންޏާ އަޑުއަހާށެވެ. "ދަރިއަކު ނުލިބެނީ ކަމަށް ހެދިގެން އަހަރަކަށްވުރެ ގިނަދުވަހު އަހުރެން އެއްހޮސްޕިޓަލުން އަނެއް ހޮސްޕިޓަލުން ތަޅުވައިފީމުއެވެ. އެކަމަކު ދަރިއަކު ނުލިބުނީ ތިބާ ބޭނުންނުވުމެވެ. ދޭތެރެދުރުކުރާ ބޭސްކާތީއެވެ. އަހުރެންނަށް އޮޅުވައިލީއެވެ. އެގޮތަށް ކަންތައްކުރީމާ އަހުރެންނަށް ހޯދެން އޮތް އެންމެ ރަނގަޅު ގޮތަށް ދަރިއަކު ހޯދީއެވެ. މިކަމުގައި އޭނާ ކުށްވެރިނުކުރާށެވެ! އޭނާ އެއްވެސް ކުށެއް ނުކުރެއެވެ. އަހުރެންވެސް ކުށެއް ނުކުރަމެވެ."
އަނބިމީހާ ބުނީ އޭނާ ވަޒީފާގައި ކުރިއަށްގޮސް އިތުރު ޕްރަމޯޝަން ހޯދަން ކުރަންޖެހޭ މަސައްކަތްގިނަވީމާ ދަރިއަކު ހޯދުން ލަސްކުރީކަމަށާއި ނަމަވެސް މިހާރު މިހުރީ ދަރިއަކު ހޯދަން ތައްޔާރުވެގެން ކަމަށެވެ. ފިރިމީހާ ބުނީ ތައްޔާރުވެގެން ހުރިނަމަ އަވަހަށް ބަލިވެ އިނދެ ވިހެއުމަށެވެ. އެކަމަށް މަރުޙަބާކިޔާނެ ކަމަށެވެ.
އެހިސާބުން އަނބިމީހާ އެދުނީ ނޯކަރުގެ ބަނޑުގައި އޮތް ދަރިފުޅު ވައްޓާލުމަށެވެ. އަދި އެއީ ނަޙަލާލު ކުއްޖެކަމަށްވެސް ބުންޏެވެ. ފިރިމީހާ ދިން ޖަވާބު މާވަރުގަދައެވެ. "އަހުރެންގެ ދަރިއަކު ނުވައްޓާނަމެވެ. އަދި އެއީ ނަޙަލާލުކުއްޖެއްވެސް ނޫނެވެ. ކުރިކަމެއް ކުރީ ކައިވެނިކޮށްގެންނެވެ. ވީމާ މިވަޤުތުން ފެށިގެން އޭނާއަށް ޙައްޤު މަޤާމު މިދިނީއެވެ. ބޭނުންނަމަ އަހުރެންގެ ދެވަނަ އަންބެއްގެ ގޮތުގައި އޭނާ ޤަބޫލުކުރާށެވެ! ޤަބޫލުކޮށްގެން އިންނަން ބޭނުންނުވާނަމަ ވަރިކޮށްދޭނަމެވެ. ބޭނުންވާ ގޮތެއް އިޚްތިޔާރުކުރާށެވެ!"
އަނބިމީހާ ވިސްނާލަން ބޭނުންވާކަމަށްބުނެފައި އަނެއް ދުވަހު ބުނީ ކުރެވުނު ކުށް ޤަބޫލުކޮށްގެން އިންނާނީ ކަމަށެވެ. ދެއަންހެނުން ގުޅިގެން އެކުގައި އުޅޭނެ ކަމަށެވެ.
މިޙާދިސާ ނުވަތަ މިވާހަކައަކީ ކޮންމެ އަންތބަކުވެސް ވިސްނައިލުން މުހިންމު ވާހަކައެކެވެ. ފިރިމީހާ ދަރިއަކު ބޭނުންވުމުން މިފަދަ ގޮތްގޮތަށް އޮޅުވައިލާނަމަ ޖެހޭނީ މިފަދަ ޙާލެކެވެ. ދަރިން ލިބެން ބޭނުންވާ ފިރިން ދަރިން ހޯދާނެއެވެ. އެފިރިމީހާ ކަންތައްކުރި ގޮތް އަހުރެން ކުށްވެރިއެއް ނުކުރާނަމެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ