އެއީ ލޯބިވެގެން އެކުގައި އުޅެމުން އަންނަ ދެމީހުންނެވެ. ކައިވެނީގެ ތާރީޚުވެސް އޮތީ ކަނޑައެޅިފައެވެ. ދެމީހުން ރެސްޓޯރަންޓަކަށް ކެއުމަކަށް ގޮސްތިއްބައި މޭޒަށް އައިމީހަކު ޖެހިލުމެއްނެތި އަންހެންކުއްޖާއަށް ލޯބިހުށަހެޅިއެވެ.
ބުނީ ކުރިމަތީގައި ތިއައިން މީހާއަކީ ފަޤީރެއް ކަމަށާއި އޭނާ އުފަލުގައި ނުގެންގުޅެވޭނެ ކަމަށެވެ. އޭނާއަކީ ތަނަވަސް މީހެއް ކަމަށާއި ބޭނުންވާ ހުރިހާ ކަމެއް ކޮށްދޭނެ ކަމަށެވެ. ޔަޤީންކުރަން ބޭނުންވާނަމަ ބުނި ޢަދަދަކަށް އެކައުންޓަށް ފައިސާވެސް ޖަމާކޮށްދީފާނެކަމަށެވެ.
އަންހެންކުއްޖާގެ ޖަވާބު އެނގޭހެއްޔެވެ؟ "ތިބާއަކީ ތަނަވަސް މީހަކަށްވެސް ވެދާނެއެވެ. ފައިސާވެސް ޖަމާކޮށްދީފާނެއެވެ. އެހެންކަންކަންވެސް ކޮށްދީފާނެއެވެ. ނަމަވެސް ތިބާއާއި ތިބާގެ ތަނަވަސްކަމުގައި އެއްވެސް ބުރަދަނެއް ނެތެވެ. ބުރަދަނެއް ހުރިނަމަ ނުވެސް ދަންނަ އަންހެނަކު ފެންއިރަށް ތިއަބާވަތުގެ ވާހަކަ ދައްކާކަށް ނުޖެހޭނެއެވެ. އަހުރެންނަށްވުރެ މާރީތި އަންހެނުންތައް ތިބޭނީ ތިބާގެ ފަސްބައިގައި އެލިގެން ކަމަށެވެ. ތިއަގޮތަށް އުޅެން ތިއަ ޖެހެނީ ތިބާގެ އުނިސިފަތައް ގިނަވެ އިތުބާރުކުރާނެ ރަނގަޅު އަންހެނަކު ނުވުމުން ކަމަށެވެ.
އަދިވެސް ބުންޏެވެ. "އަހުރެންގެ ލޯބިވެރިޔާއަކީ ފަޤީރަކަށްވެދާނެއެވެ. ތަނަވަސްކަން ދެއްވަވާފައި ފަޤީރުކުރެއްވެވުމާއި ފަޤީރުންނަށް ތަނަވަސްކަން ދެއްވެވުން ޚާއްޞަވެގެންވަނީ ﷲ ތަޢާލާއަށެވެ. އެހެންވީމާ ކައިވެނިކުރަން ތަނަވަސްކަމަށް ބަލާކަށްވެސް ބޭނުމެއް ނޫނެވެ. އަހުރެން ބޭނުންވަނީ އެންމެ ކަމެކެވެ. އެއީ ކޮންމެ ޙާލެއްގައި އުޅެންޖެހުނަސް ލޯބިން އެމީހަކާއިއެކުގައި އަހުރެންގެންގުޅުމެވެ. ތެދުވެރިއަކަށްވުމެވެ. އަހުރެންގެ ލޯބިވެރިޔާއާއިމެދު އެކަންކަން އަހުރެންނަށް ޔަޤީންކުރެވެއެވެ. ދެން އޮތްބައި ވަކީލްކުރަނީ ﷲ އަށެވެ.
ތިބާވެސް ރަނގަޅު ބައިވެރިއަކަށް ބޭނުންވާނަމަ ނުކުންނަންވީ ފައިސާބޮނޑި އަތަށްލައިގެނެއް ނޫނެވެ. އަހުރެންގެ ލޯބިވެރިޔާ ފަދައިން ރިވެތި އަޚްލާޤް ހިފައިގެންނެވެ. ދައްކަންވީ އަތުގައި ހުރި ތަނަވަސްކަމެއް ނޫނެވެ. ދައްކަންވީ ރިވެތި އަޚްލާޤެވެ. ތެދުވެރިކަމެވެ. ދެންވެސް ތިއައުޅުން ހުއްޓާލާފައި އަހުރެންގެ ނަޞީޙަތް ޤަބޫލުކުރާށެވެ. މިއީ ވަރަށް ހިތްހެޔޮކަމާއިއެކު ދިން ނަޞީޙަތެކެވެ."
މިކިޔައިދިނީ އަހުރެމެން ޒުވާންއިރު ހިނގި ކަމެއްގެ ވާހަކައެވެ. އެދެލޯބިވެރިންގެ ކައިވެންޏަށް މިހާރުވަނީ 40 އަހަރުފުރިފައެވެ. ދިރިއުޅެމުން އެގެންދަނީ އެންމެ އުފަލުގައެވެ. ފަޤީރުންގެ ގޮތުގައި ތިބެ ކައިވެނިކުރިނަމަވެސް މިއަދު އެދެމަފިރިންނަކީ ތަނަވަސްކަންވެސް ހުރި ދެމަފރިންނެވެ.
އަހުރެން އެދެނީ ކައިވެނިކުރުމުގައި އަހުރެންގެ އެކުވެރިޔާ އިޚްތިޔާރުކުރި ގޮތް އިޚްތިޔާރުކުރުމެވެ. އެއިރުން ހަމަ އެއެކުވެރިޔާ ފަދައިން ވެވޭނެއެވެ. އިން ޝާ ﷲ
- ޙަލީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް