އަނެކާގެ ކިބައިން ފެންނަ ކުދިކުދިކުށްތަކަކީ ބޮޑެތި މައްސަލަތަކަށް ހަދާނަމަ ގާތީ ކިތަންމެ ރަނގަޅު ބައިވެރިއަކާއެކުވެސް ނުއުޅެވުން!

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 27ސ
އަނެކާގެ ކިބައިން ފެންނަ ކުދިކުދިކުށްތަކަކީ ބޮޑެތި މައްސަލަތަކަށް ހަދާނަމަ ގާތީ ކިތަންމެ ރަނގަޅު ބައިވެރިއަކާއެކުވެސް ނުއުޅެވުން!

ކިތަންމެ ކުޑަކުށެއް ކުރެވުނަސް ބޮޑު މައްސަލައަކަށްހަދައި ޒުވާބުކުރާ މީހަކާއެކު އުޅެވޭނީ ކިހިނެއްތަ؟  

މިއީ ވަރަށް ގިނައިން ކުރެވޭ ސުވާލެކެވެ. ވީމާ މިމައްސަލައަށް ބަލައިލަމާ ހިނގާށެވެ!  

ބައިވެރިޔާގެ ކިބައިން ފެންނަ ކުދިކުދި އުނިސިފަތަކަށް ނުވަތަ ކުރެވޭ ކުދިކުދި ކުށްތަކަށް ބަލައި އެއީ މާބޮޑު މައްސަލައަކަށް ހަދައިގެން އެކަންކަމަށް އަބަދު ޝަކުވާކުރާމީހުންނަކީ އެމީހުންގެ ޒަވާޖީ ޙަޔާތުގެ މުސްތަޤްބަލަށް ނުވިސްނާ މީހުންނެވެ.  

ރަނގަޅަށް ބަލާށެވެ! އެންމެ ކާމިޔާބު ދެމަފިރިން ކަމަށް ޤަބޫލުކުރެވޭ ދެމަފިރިންގެ ޙަޤީޤަތްވެސް ރަނގަޅަށް ބަލައިފިނަމަ ބައިވަރު ކުދިކުދި މައްސަލަތައް ހުންނާނެއެވެ. ނަމަވެސް އަނެކާގެ ކިބައިގައި ހުންނަ ބޮޑެތި ރަނގަޅު ސިފަތަކަށް ބަލާނަމަ އެއީ މައްސަލައެއް ނޫންކަން ރަނގަޅަށް ވިސްނޭނެއެވެ.

ދުނިޔެ ކުރިއަރައި ޓެކްނޮލޮޖީ ކުރިއަރައިގެންދާވަރަކަށް އެހެން މީހުންގެ މައްސަލަތައް ފާހަގަކުރަން ފަސޭހަވާނެއެވެ. މިޘާލަކަށް މީހާ ގެންގުޅޭ ފޯނަކީ އޭނާގެ ދިރިއުޅުމުގެ ޔައުމިއްޔާ ކަމަށް މިވަނީ ވެފައެވެ. ފޯނުން ނުއެނގޭނެ ކަމެއް ނެތެވެ. ބައެއް މީހުން ފޯނަކީ ބައިވެރިޔާގެ ކުށްތައް ނޯޓުކުރާ ށައިރީއަކަށްވެސް އެބަހަދައެވެ.  

ދާދިފަހުން ދެމަފިރިއެއްގެ މެދުގައި ޖެހުނު މައްސަލައެކެވެ. ފިރިމީހާ އޭނާގެ ސެކެޓްރީ އާއި ވާހަކަދައްކަމުން "ދޫންޔާއެވެ" ބުނެވުނީއެވެ. އަނބިމީހާއަށް އެކަންވީ ވަރަށް ބޮޑު މައްސަލައެކަށެވެ. ފުރަތަމަވެސް އެކަން ލޭބަލަކުރީ ނުބައިކޮށެވެ. ދުށީ ފިރިމީހާ ޚިޔާނާތްތެރިވަނީ ކަމަށެވެ.  

އެކަން ބޮޑު ޒުވާބަކަށްވެ ބޮޑު ކަންތައްގަނޑަކަށްހެދުމުން ފިރިމީހާ ކިޔައިދިނެވެ. "އޭނާ އާއި އަހުރެންނާއި ދެމެދުގައި އެއްވެސް ޚާއްޞަ ގުޅުމެއް ނެތެވެ. ލޯބީގެ ގުޅުމެއް އެއްވެސް ވަރަކަށް ނެތެވެ. މިއަދު ގެއަށް މިއައީ ޢާންމު ގޮތެއްގައި 3 ދުވަހުން ކުރެވޭނެ މަސައްކަތް 1 ދުވަހުން ކުރަން ޙަވާލުކޮށްފައެވެ. އެމަސައްކަތް މާދަމާ ހަވީރަށް ނުނިންމައިފިނަމަ އެތައް މިލިއަން ޑޮލަރެއްގެ ފައިދާ ލިބެން އޮތް މަޝްރޫޢެއް ގެއްލިގެންދާނެއެވެ. ވީމާ ދޫންޏާއެވެ އެއް ނޫނެވެ. ލޯބިވާއެވެ ބުނެގެން ނަމަވެސް އޭނާ އާއި ގާތްކަން އުފައްދަން އަހުރެންނަށް މަޖުބޫރުވެއެވެ.  

އޭނާއަކީ ކަންކަމު ކިޔާ މުވައްޒިފެއް ނޫނެވެ. އޯވަރޓައިމް ދޭން އޮންނަ ވަރަށް ދިނުމުން ހުންނާނީ ހިތްހަމަޖެހިގެންނެވެ. އޭނާ ލައްވައި މަސައްކަތް އަވަސްކުރުވަން ބޭނުންވާނަމަ ކުރަންޖެހޭ ކަމަކީ އޭނާއަށް ލޯބިން ވާހަކަދެއްކުމެވެ. އުފާވާފަދަ ބަސްތައް ބުނުމެވެ.

ދެން ބުނަންހެއްޔެވެ؟ އަހުރެންގެ ފައިސާއަށް ތިބާއަށް އެކްސެސްވެވޭ ނޫންހެއްޔެވެ؟ ކިތަންމެ ބޮޑު ހޭދައެއް ކޮށްގެން ނަމަވެސް މިދެއްކި ވާހަކައިގެ ދޮގުތެދު ނިކަން ބަލައިބަލާށެވެ! އެއްވެސް ދޮގެއް ބުނެވިފައިވާނަމަ އަހުރެންގެ މުޅި މިލްކިއްޔާތު ތިބާއަށެވެ! މިހާރު ލިޔުމެއް ލިޔުނަސް ސޮއިކޮށްދޭނަމެވެ."  

އެހިސާބުން އަނބިމީހާއަށް ޖެހުނީ މާފަށް އެދުމަށް އަވަސްވެގަންނާށެވެ. ގިނަ ފަހަރަށް މިފަދަ ޙާލަތުގައި ކަންކަން މެދުވެރިވާނީ މިހެންނަކުން ނޫނެވެ. ދޮގު ތުހުމަތުކޮށް ބޮލަށް އުނދަގޫކުރާވަރުން ރުޅިއައިސް ހަށިފޮޅައިލާނީއެވެ. މާފަށް އެދުމުގެ ފުރުޞަތުވެސް ނުދޭނެއެވެ.  

ވީމާ ދިމާވާ ކުދިކުދި ކަންކަން އެހައި ބޮޑުކަމަކަށް ނުހަދާށެވެ. ބޮޑެތި ކަންކަމުގައި ރަނގަޅުނަމަ އުފާކުރާށެވެ. ގިނަވާނީ ބޮޑެތި ކަންކަމުގައި ފޭލްވެގެން ތިބޭ މީހުން ކަމަށްވާތީއެވެ.

 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން