ކޮނުމުގެ މަސައްކަތް ކުރާއިރު ވިއުގަތަކަށް ރައްކާތެރިވުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 53ސ
ކޮނުމުގެ މަސައްކަތް ކުރާއިރު ވިއުގަތަކަށް ރައްކާތެރިވުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި

ބިން ކޮނުމުގެ މަސައްކަތްތައް ކުރާއިރު، ބިމުގެ އަޑީގައިވާ މުހިންމު ވިއުގަތަކަށް ގެއްލުން ނުވާނޭހެން، ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ހޯދައިގެން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މަސައްކަތް ކުރުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އިލްތިމާސްކޮށްފިއެވެ.

ސްޓެލްކޯއިން މިކަމަށް އިލްތިމާސްކޮށްފައިވަނީ އިއްޔެ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކަރަންޓު ކޭބަލްތަކަށް ގެއްލުންވެ، އެ ސަރަހައްދުގެ ޚިދުމަތަށް ބުރޫއެރުމާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ. ސްޓެލްކޯއިން ބުނި ގޮތުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑެން ދިމާވީ، ބިން ކޮނުމުގެ ތެރޭގައި ކަރަންޓު ކޭބަލަކަށް ގެއްލުންވުމުގެ ސަބަބުންނެވެ.

މި މައްސަލަ ވީހާވެސް އަވަހަށް ޙައްލުކޮށް، ޚިދުމަތް އާންމު ހާލަތަށް ގެނައުމަށްޓަކައި އެ ކުންފުނީގެ ޓެކްނިކަލް ޓީމުން ކުރި މަސައްކަތުން، މިހާރު ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑުނު ހުރިހާ ސަރަހައްދަކަށް އަލުން ޚިދުމަތް ދީފައެވެ. ސްޓެލްކޯއިން ހާމަކުރި ގޮތުގައި މި ކޭބަލަށް ގެއްލުން ލިބިފައިވަނީ ދެވަނަ ފިޔަވަހީގައި މަގުހެދުމުގެ މަސައްކަތް ކުރަމުންދިޔަ ބައެއްގެ އިހުމާލުންނެވެ.

މީގެ އިތުރުން، މި ހިނގާ އެޕްރީލް މަހުގެ 12 ވަނަ ދުވަހު ވެސް ކޮނުމުގެ މަސައްކަތް ކުރި ބައެއްގެ އިހުމާލުން މައި ކޭބަލަކަށް ގެއްލުންވެ، ދެވަނަ ފިޔަވަހީގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑުނުކަން ސްޓެލްކޯއިން ފާހަގަކުރެއެވެ. އެ ފަހަރު ކޭބަލަށް ލިބިފައިވާ ގެއްލުން ދެނެގަތުމަށް "ފޯލްޓް ޑިޓެކްޓަރ" ބޭނުންކޮށްގެން ކުރި މަސައްކަތުގެ ތެރެއިން، އެ ކޭބަލްގެ އެހެން ދިމާއަކަށް ވެސް މީގެ ކުރިން ގެއްލުން ލިބިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ސްޓެލްކޯގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މީގެ ކުރިން ލިބިފައިވާ އެ ގެއްލުން ކުންފުންޏަށް ރިޕޯޓްކުރުމުގެ ބަދަލުގައި، ކޭބަލްގައި ޓޭޕް އޮޅައި އެކަން ސިއްރުކޮށްފައިވާކަން ވެސް ހާމަވެފައިވާ ކަމަށެވެ. މިފަދަ އިހުމާލުތަކުގެ ސަބަބުން އާންމު ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތަކަށް ބޮޑެތި ބުރޫތަކެއް އަރަމުންދާތީ، މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި އިތުރަށް ސަމާލުވުމަށް އެ ކުންފުނިން ވަނީ ނަސޭހަތްތެރިވެފައެވެ.

މިއަދު އޮންލައިން