ށ. އަތޮޅުގެ ތިން ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް އާރްޑީސީން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 43ސ
ށ. އަތޮޅުގެ ތިން ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް އާރްޑީސީން ފަށައިފި

ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) ގެ ދަށުން ކުރިއަށްގެންދާ ށ. އަތޮޅުގެ ތިން ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢެއްގެ އަމަލީ މަސައްކަތް ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ފަށައިފިއެވެ.

މި މަޝްރޫޢަކީ ށ. ކަނޑިތީމު، ށ. ގޮއިދޫ، އަދި ށ. މަރޮށީގެ މަގުތައް ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢެކެވެ. އާރްޑީސީން މަޢުލޫމާތު ދެއްވި ގޮތުގައި، މި މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ކުރަންޖެހޭ ސާރވޭގެ މަސައްކަތްތައް މިހާރު ދަނީ ބާރުސްޕީޑުގައި ކުރަމުންނެވެ.

މި މަޝްރޫޢުގެ ތަފްސީލަށް ބަލާއިރު:

ށ. ކަނޑިތީމު:މި ރަށުގެ 7 މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. ޖުމްލަ 76.4 މިލިޔަން ރުފިޔާ ޚަރަދުވާ މި މަޝްރޫޢު ނިންމުމަށް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 730 ދުވަހުގެ ތެރޭގައެވެ.

ށ. މަރޮށި:މަރޮށީގެ 8 މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ. 60.2 މިލިޔަން ރުފިޔާގެ މި މަޝްރޫޢުވެސް ނިންމުމަށް ހަވާލުކޮށްފައިވަނީ 730 ދުވަހުގެ މުއްދަތެއްގެ ތެރޭގައެވެ.

ށ. ގޮއިދޫ:ގޮއިދޫގެ 10 މަގެއް ޒަމާނީ ފެންވަރަށް ހެދުމަށް ވަނީ ހަމަޖެހިފައެވެ. 72.6 މިލިޔަން ރުފިޔާގެ މި މަޝްރޫޢުވެސް 730 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ތާވަލުކޮށްފައެވެ.

މި ތިން ރަށުގައި ކުރިއަށްގެންދާ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން، މަގުތަކުގައި ތާރު އެޅުމުގެ އިތުރުން ދުވާރު ހެދުމާއި، މަގު ބައްތި ޖެހުމާއި އަދި ފެންހިނދާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ހިމެނޭނެއެވެ.

އަތޮޅުތެރޭގެ ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ދިރިއުޅުމެއް ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މުހިންމު މަސައްކަތެކެވެ. މި މަޝްރޫޢުތައް ނިމުމުން، ށ. އަތޮޅުގެ މި ތިން ރަށުގެ ދަތުރުފަތުރަށާއި އިޖުތިމާޢީ ކުރިއެރުމަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން