ޖޯޑަންގައި ބާއްވާ "ގަލްފް ޖޯ އެކްސްޕޯ" ގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ވިޔަފާރިތަކަށް ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 38ސ
ޖޯޑަންގައި ބާއްވާ "ގަލްފް ޖޯ އެކްސްޕޯ" ގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ވިޔަފާރިތަކަށް ހުޅުވާލައިފި

ޖޯޑަންގައި ބޭއްވުމަށް ހަމަޖެހިފައިވާ "ގަލްފް ޖޯ އެކްސްޕޯ" އަދި "ގަލްފް-ޖޯޑަނިއަން އިންވެސްޓްމަންޓް ފޯރަމް" ގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ވިޔަފާރިތަކަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ހުޅުވާލައިފިއެވެ.

އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވީ، ޖޯޑަންގެ ސަރުކާރުން މި އެކްސްޕޯގައި ބައިވެރިވުމުގެ ދައުވަތު ރާއްޖެއަށް ދީފައިވާ ކަމަށެވެ. މި އެކްސްޕޯއަކީ ރާއްޖޭގެ ވިޔަފާރިވެރިންނަށް ބައިނަލްއަޤްވާމީ މައިދާނުގައި އިންވެސްޓްމަންޓް ފުރުސަތުތައް ހޯދުމަށާއި، އުފެއްދުންތައް އިސްތިހާރުކުރުމަށް ލިބޭ ވަރަށް ރަނގަޅު ޕްލެޓްފޯމެއް ކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ. މީގެ އިތުރުން، މިއީ އެހެން ޤައުމުތަކުގެ ވިޔަފާރިވެރިންނާއެކު ގުޅުން ބަދަހިކޮށް، ވިޔަފާރި ފުޅާކުރުމަށް ހުޅުވާލެވޭ މަގަކަށް ވެގެންދާނެއެވެ.

މި އެކްސްޕޯ އޮންނާނީ އަންނަ އޮކްޓޫބަރު މަހުގެ 26 އިން 29 އަށް، ޖޯޑަންގެ ހަޝެމައިޓްގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދަނީ ދިވެހި ވިޔަފާރިވެރިންނަށް ބޭރުގެ ޤައުމުތަކުން އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

އެކްސްޕޯގައި ބައިވެރިވާން އެދޭ ފަރާތްތަކުން، އެކްސްޕޯގެ ރަސްމީ ވެބްސައިޓް ކަމަށްވާ http://www.tc-center.com އަށް ޒިޔާރަތްކޮށް، ރަޖިސްޓްރޭޝަން ފޯމު ފުރިހަމަކުރެއްވުމަށް އިޤްތިޞާދީ ވުޒާރާއިން އިރުޝާދު ދެއްވައެވެ. އަދި ފޯމު ފުރިހަމަކުރުމަށްފަހު، އެ ވުޒާރާގެ އީމެއިލް އެޑްރެސް [email protected] އަށް އެކަން ނޮޓިފައި ކުރުމަށްވެސް ވަނީ އެދިފައެވެ.

މި ހަރަކާތަކީ ޖޯޑަންއާއި ގަލްފް ސަރަޙައްދުގެ ޤައުމުތަކުގެ މެދުގައި އޮންނަ އިޤްތިޞާދީ ގުޅުން ބަދަހިކުރުމަށް ބާއްވާ މުހިންމު ހަރަކާތަކަށްވާއިރު، މީގައި ބައިވެރިވުމަކީ ދިވެހި ވިޔަފާރިތައް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރިއެރުވުމަށް ލިބޭނެ ބޮޑު އެހީތެރިކަމަކަށް ވާނެއެވެ.

މިއަދު އޮންލައިން