އުސޫލާ ޚިލާފަށް ބިލަށް އެއްވެސް އުނި އިތުރެއް ގެނެސްފައި ނުވާނެ: ފެނަކަ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 40ސ
އުސޫލާ ޚިލާފަށް ބިލަށް އެއްވެސް އުނި އިތުރެއް ގެނެސްފައި ނުވާނެ: ފެނަކަ

ކަރަންޓު ބިލްތައް ބޮޑުވުމާ ގުޅިގެން އާންމުންގެ ކަންބޮޑުވުންތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި، އުސޫލާ ޚިލާފަށް ބިލަށް އެއްވެސް އުނި އިތުރެއް ގެނެސްފައި ނުވާނެ ކަމުގެ ޔަގީންކަން ފެނަކަ ކޯޕަރޭޝަނުން މިއަދު ދީފިއެވެ.

ފެނަކައިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ނިމިދިޔަ މާރިޗު މަހުގެ ރީޑިން ނެގުމުގައާއި ކަރަންޓު ބިލު ތައްޔާރު ކުރުމުގައި އެ ކުންފުނިން އަމަލު ކޮށްފައިވާނީ އެހެން މަސްމަހުގައިވެސް އަމަލު ކުރަމުންދާ އާންމު އުސޫލުގެ ތެރެއިން ކަމަށެވެ. އެ ކުންފުނިން ބޭނުންކުރާ އުސޫލަކީ ކަނޑައެޅިފައިވާ ޤާނޫނާއި ގަވައިދުތަކާ އެއްގޮތަށް އެކުލަވާލާފައިވާ އުސޫލެއް ކަމަށާއި، އެއްވެސް ކަސްޓަމަރެއްގެ ބިލަށް އުސޫލުން ބޭރުން ބަދަލެއް ގެނެސްފައި ނުވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރުކަން ފާހަގަކުރަމުން ފެނަކައިން ބުނީ، ކޮންމެ އަހަރެއްގެވެސް މާރިޗު، އޭޕްރިލް އަދި މެއި މަހަކީ ރާއްޖެއަށް އެންމެ ހޫނުގަދަވެ، ކަރަންޓު ބޭނުންކުރާ މިންވަރު އާދަޔާ ޚިލާފަށް އިތުރުވާ ދުވަސްވަރެއް ކަމަށެވެ. ބިލްތައް ބޮޑުވުމުގެ މައިގަނޑު ސަބަބަކީ ހޫނުގަދަވުމުގެ ސަބަބުން ކަރަންޓު ބޭނުންކުރެވޭ މިންވަރު އިތުރުވުން ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ފެނަކައިގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އެ ކުންފުނިން ތައްޔާރުކޮށްފައިވާ އެއްވެސް ބިލެއްގައި މައްސަލައެއް އުޅޭކަމަށް ޝައްކު ކުރެވޭނަމަ ނުވަތަ ރީޑިން އިތުރަށް ޗެކްކުރަން ބޭނުންވާނަމަ، އެ ފުރުސަތު ކަސްޓަމަރުންނަށް އޮތް ކަމަށެވެ. އަދި އެފަދަ ކަންކަމުގައި ކުންފުނީގެ ފަރާތުން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަންވެސް ވަނީ ދީފައެވެ.

މިދުވަސްވަރަކީ ހޫނު ގަދަ ދުވަސްވަރަކަށް ވާތީ، ކަރަންޓު ބޭނުން ކުރުމުގައި އިތުރަށް ސަމާލުވުމަށް ފެނަކައިން ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން، ދައުލަތުގެ އެކި އިދާރާތަކުންވެސް ދަނީ ހޫނުގަދަވުމުގެ ސަބަބުން ކުރިމަތިވެދާނެ ސިއްހީ މައްސަލަތަކަށް ސަމާލުވުމަށް އާންމުންނަށް އިރުޝާދު ދެމުންނެވެ.

މިއަދު އޮންލައިން