ތަނަވަސްކަން ދެއްވެވީމާ އެއިގަ އަނބިދަރިންގެ ޙައްޤެއް އޮންނަކަން ޤަބޫލުނުކުރެވޭ ބައަކު އުޅެއެވެ. އެފަދަ މީހުން ދަރިން ނިކަމެތިކޮށްލާކަށް ޖެހިލުމެއް ނުވެއެވެ. ދަރިންނަށް އަޅާނުލައި، ކާންބޯންވެސް ނުދީ ތިމާ އުފަލުގައި އުޅެން މަސައްކަތްކުރެއެވެ.
ތަނަވަސްކަމަކީވެސް އަމާނާތެކެވެ. ދަރިންނަކީވެސް އަމާނާތެކެވެ! ﷲ ތަޢާލާ ޙަވާލުކުރައްވަވާ އަމާނާތަކަށް ޚިޔާނާތްތެރިވެފައި އުފަލުގައި ޢުމުރު ހޭދަކޮށްލެވޭނެކަމަށް ހީކުރާކަން އެއީ ކުރެވޭ ވަރަށް ބޮޑު ކުށެއްކަމާ އެކުށަށް ޖަޒާ ދެއްވަވާކަން ތިރީގައިވާ ޙާދިސާއިން އެނގިލައްވާނެއެވެ.
އަހަރެމެންގެ ކައިވެންޏަށް 15 އަހަރުފުރުނުއިރު 4 ދަރިން ލިބިފައިވެއެވެ. ނަމަވެސް 4 ކުދިންނަކީވެސް އަހެންކުދިންނެވެ. ފިރިމީހާ ބޭނުންވީ އަދިވެސް ވިހާށެވެ. އޭނާ ބުނަނީ އޭނާގެ ތަނަވަސްކަން ވާރުތަވާނެ ފިރިހެން ދަރިއަކު ބޭނުންވާ ކަމަށެވެ.
ފިރިމީހާ އެވަރަށް އެދޭތީ އެކަމަށް އެދި ދުޢާކުރީމެވެ. އެ ދުޢާ ޢިޖާބަ ކުރެއްވެވިއެވެ. ދެއްވެވީވެސް އެއްމާބަނޑު 2 ފިރިހެން ދަރިންނެވެ.
6 ދަރިން ބެލުމަކީ އަދި ވަކިން ޚާއްޞަކޮށް 4 ކުދިން ބަލަމުން އެއް މާބަނޑު ކުޑަ ދެކުދިން ބެލުމަކީ ކިހާ ބުރަކަމެއްކަން އެނގޭނީ އެމަސައްކަތްކުރަން ޖެހުނު އަންހެނަކަށެވެ. އެއީ ހަމަ ހުރެލާފައި މީހަކަށް އިޙްޞާޞްވެސް ކުރެވޭނެ ކަމެއް ނޫނެވެ.
ފަހުން ލިބުނު 2 ދަރިން ލިބުނުތާ އަހަރުވެސް ނުވަނީސް ފިރިމީހާގެ އުޅުމަށް ބަދަލުތައް އަންނަން ފަށައިފިއެވެ. މަޑުމަޑުން އަހަރެމެންނާއި ދިރިހެލިވަމުން ގޮސް އެންމެ ފަހުން ގެއިން ނުކުމެގެން ހިގައްޖެއެވެ. ނުކުމެގެން ދިއައީ ވަރިވެސް ނުކޮށެވެ. ވަރިނުކުރިނަމަވެސް ގެއިން ދިއަ ފަހުން އަހަރެމެން ތިބީ ކައިގެންތޯވެސް ބަލައެއް ނުލައެވެ.
އެފަދަ ދަތިޙާލިގައި ތިބެންޖެހުނު ވަގުތު އެހީތެރިވީ މަންމައެވެ. "ދަރިފުޅާއެވެ! އޭނާ އެނބުރި އަންނާނެ ކަމަށް އިންތިޒާރުކުރުމަކީ ވަރަށް މޮޔަކަމެކެވެ. އަދި އެނބުރި އައިނަމަވެސް ނުކުމެގެންދާނީ ކޮން ވަގުތަކުކަމެއް ނުއެނގޭނެއެވެ. ދަރިފުޅަކީ ވަރަށް ރީތިކޮށް ފަހަން ދަންނަ ކުއްޖަކީމެވެ. މަންމަ މިގޭގައި އިނދެ ކުދިން ބަލައިދޭނަމެވެ. ފަހަން ފަށާށެވެ. ﷲ ތަނަވަސްކަން ދެއްވަވާނެއެވެ. 6 ދަރިން ނިކަމެތިވެ ބަނޑަށް ޖެހެން ﷲ ދޫކޮށް ނުލައްވަވާނެތެވެ! އިން ޝާ ﷲ."
މަންމްގެ ބަސް ޤަބޫލުކުރީމެވެ. ފަހަން ފެށީމެވެ. ދުވާލަކު 2،3 ހެދުން ފަހަމެވެ. އެއީ ރޭގަނޑާއިވެސް އެކުގައި މަސައްކަތްކޮށްގެންނެވެ. އިސާހިތަކު ބޭނުންތައް ފުއްދައިގެން އުޅެވެން ފަށައިފިއެވެ. އެއިގެ ދުވަސްކޮޅެއް ފަހުން ފަހަން އަންނަ އެކުވެރި އަންހެނެއްގެ އެހީތެރިކަމާއެކު އޭނާއަށްވެސް ފައިދާއިން ބައެއް ދޭގޮތަށް ފަހާތަނެއް ހުޅުވައި މުވައްޒިފުންވެސް ލައިގެން ފެހުމުގެ މަސައްކަތް ހިންގަން ފަށައިފީމެވެ.
ގެއިން ދިއަތާ 5 އަހަރުފަހުން އެއްދުވަހަކު ފިރިމީހާ އަތުވެއްޖެއެވެ. ފުރަތަމަވެސް ކުރި ސުވާލަކީ ވަރިނުވެ ތިއަ އިންނަނީ ކީއްވެގެންތޯއެވެ؟ އޭނާދެކެ ވާލޯބިން އޭނާ އެނބުރި އަންނާނެ ދުވަހެއްގެ އިންތިޒާރުގައި ހެއްޔެވެ؟
ޖަވާބުގައި ބުނީމެވެ. "ނޫނެކެވެ. އެއްގޮތަކަށްވެސް ކަލެއަށް އިންތިޒާރުކުރީއެއް ނޫނެވެ. ވަރިވެސް ނުކޮށް 6 ދަރިން ބޮލަށް ޖަހާފައި ދިއަ މީހާ އިތުރަށް ފާފަވެރިކުރުވަން މަޑުކޮށްލީއެވެ. ދެންވެސް ވަރިކޮށްލާފައި އަވަހަށް މިގެއިން ދާށެވެ. އަހަރެންގެ ހިތުގައި ކަލެއަށް އެއްވެސް މަޤާމެއް މިހާރަކު ނެތެވެ."
ދެން އޭނާ ކިޔައިދިނީ އޭނާއަށް ކަންކަން މެދުވެރިވި ގޮތެވެ. ލޯބިވެވުނު މީހާ ލަނޑުދިނީއެވެ. ވިޔަފާރި ކުރިނާރައި ހުއްޓުނީއެވެ. އަދި މިހާރު ހުރީ ބޮޑު ދަރަނިވެރިއަކަށްވެސް ވެފައެވެ.
ޖަވާބުގައި ބުނީމެވެ. "ކޮންމެ މީހަކާއިވެސް ﷲ ފައިސާ ޙަވާލުކުރައްވަވަނީ އެއިގެ ޙައްޤުވެރިންނަށް އަދާކުރުމަށެވެ. އެކަން ނުކުރީމާ އެކަމަށް ޙައްޤު ޖަޒާ ދެއްވަވާނެއެވެ. ކަލޭގެ ތިއަ ބޭކާރު ވާހަކަތައް އަޑުއަހާނެ ވަގުތެއް ނެތެވެ. އަދި ކަލޭގެ ދަރަނިބޮނޑިއަށް ވިސްނައި ބޯހަލާކުކުރާކަށް ބޭނުމެއްވެސް ނޫނެވެ. މާދަންވެސް ކޯޓަށް ގޮސް އަހަރެން ވަރިކޮށްލަދޭށެވެ. ނޫންނަމަ އަހަރެން އަނެއް ދުވަހު ވަރިވާން ފޯމުލާނަމެވެ!"
އޭނާ ނުކުމެގެން ދިއައީއެވެ. ވަރިއެއް ނުކުރިއެވެ. އެހެންވެ އަމިއްލައަށް ފޯމު ލައިގެން ވަރިވީއެވެ. ޢިއްދަ ހަމަވުމުން ދެވަނަ ކައިވެނިވެސް ކުރީމެވެ. އެއިރު ހުރީ ޢުމުރުން 40 އަހަރުވެފައެވެ. ކައިވެނިކުރީވެސް މުސްކުޅިއަކާއިއެއްވެސް ނޫނެވެ. ހަމަ އެއް ޢުމުރުގެ މީހަކާއެވެ. ދިރިއުޅެމުން މިއަންނަނީ ދެވަނަ ކައިވެނިމަތީގައެވެ. ހިތްހަމަޖެހުމާ އުފާވެރިކަމުގައެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ އަހަރެންގެ ކުރީގެ ފިރިމީހާ ފަދަ ފިރިހެނުން ވަރަށް ގިނަވާނެއެވެ. 6 ދަރިން ކީއްކުރަންހެއްޔެވެ؟ 10 ދަރިން ތިބިނަމަވެސް ޒުވާން އަންހެން ކުދިންގެ މަޅީގައި ޖެހި ދަރިން އުކާލާފައިދާނެ ފިރިހެނުން ގިނަވާނެއެވެ. އަހަރެންގެ ނަޞޭޙަތަކީ އަހަރެމެން އަންހެނުންނަކީ ފިރިން އަނިޔާވެރިވި ނަމަވެސް ސަލާން ނުޖަހައި ޢިއްފަތްތެރިކަންމަތީގައި އުޅޭވޭބައަކަށްވާން އެބަޖެހެއެވެ. އެކަން ޙާޞިލްކުރެވޭނީ އަމިއްލައަށް ކުރާނެ މަސައްކަތްކެއް ދަސްކޮށްގެން ހުރިނަމައެވެ.
ކޮންމެހެން މިއަދު ފޮނިވާން ބުނަނީއެއް ނޫނެވެ. ކައިވެނިކުރުމުގެ ކުރިން އަހަރެން ފަހަން ދަސްކުރީ ހަމަ އެކަމުގެ ބޭނުން ހިފަންޖެހިދާނެ ދުވަހެއް އަތުވެދާނެކަމަށް ވިސްނުނުވަރުންނެވެ.
- ދީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް