ހިއްސާއަކަށް 8.70 ރުފިޔާ ބަހަން ދިރާގު އާންމު ޖަލްސާގައި ފާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
ހިއްސާއަކަށް 8.70 ރުފިޔާ ބަހަން ދިރާގު އާންމު ޖަލްސާގައި ފާސްކޮށްފި

ދިރާގުގެ ހިއްސާދާރުންނަށް ހިއްސާއަކަށް 8.70 ރުފިޔާ ބަހަން އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ރޭ ފާސްކޮށްފިއެވެ. މި ގޮތަށް ފާސްކޮށްފައިވަނީ ދިރާގުގެ 37 ވަނަ އަހަރީ އާންމު ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ.

މި އަހަރުގެ އަހަރީ އާންމު ޖަލްސާގައި 74,240,990 ހިއްސާ ތަމްސީލުކުރާ ހިއްސާދާރުން ބައިވެރިވެފައިވެއެވެ. ޖަލްސާގައި ފާސްކުރި ގޮތުގެ މަތިން، 2025 ވަނަ އަހަރުގެ ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް ޖުމްލަ 8.70 ރުފިޔާ ބެހުމަށް ވަނީ ނިންމާފައެވެ.

ހިއްސާގެ ފައިދާ ބެހުމަށް ނިންމާފައިވާ ގޮތަށް ބަލާއިރު، މީގެ ތެރޭގައި 2025 ވަނަ އަހަރުގެ ތެރޭގައި އިންޓެރިމް ޑިވިޑެންޑްގެ ގޮތުގައި ކުރިން ދޫކޮށްފައިވާ 1.66 ރުފިޔާ ހިމެނެއެވެ. އަދި ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 7.04 ރުފިޔާ ދިނުމަށް ޖަލްސާގައި ވަނީ ނިންމާފައެވެ.

މާލީ ހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރު ދިރާގަށް ޖުމްލަ އާމްދަނީގެ ގޮތުގައި 2.8 ބިލިއަން ރުފިޔާ ލިބިފައިވާކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ. މިއީ ކުންފުނީގެ ވިޔަފާރި ކުރިއަރަމުންދާކަން ހާމަކޮށްދޭ މުހިންމު ކުރިއެރުމެކެވެ.

ދިރާގަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި މުވާސަލާތީ ހިދުމަތް ދެމުން އަންނަ އެއް ކުންފުންޏެވެ. ކޮންމެ އަހަރަކުވެސް އެ ކުންފުނިން އަންނަނީ ހިއްސާދާރުންނަށް އެކަށީގެންވާ ފައިދާއެއް ބަހަމުންނެވެ.

މިއަދު އޮންލައިން