ރާއްޖޭގެ އެކި ރަށްރަށުގެ ޒުވާނުންނާއި ކައުންސިލްތަކުގެ އެދުމުގެ މަތިން، ރަށްރަށުގައި އަލަށް ވަދު ކަނދުފަތި އެޅުމުގެ މަސައްކަތް މަސްވެރިކަމާ ބެހޭ ވުޒާރާއިން ފަށައިފިއެވެ. އެ ވުޒާރާއިން ވިދާޅުވީ މި މަސައްކަތް ކުރިއަށްދަނީ ވަކި އުސޫލެއްގެ ދަށުން، މަސްވެރިންނަށް އެންމެ ފައިދާވާނެ ގޮތްތަކަށް ބަލައިގެން ކަމަށެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި އަންނަ ހަފްތާގެ ތެރޭގައި ފަސް ރަށެއްގައި ކަނދުފަތި އެޅުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ހިމެނެނީ: ހއ. ފިއްލަދޫ: މަސްކަނދުފަތި، ހއ. ދިއްދޫ: މަސްކަނދުފަތި، ށ. ފުނަދޫ: މަސްކަނދުފަތި، ކ. މާފުށި: ވަދުކަނދުފަތި (މުޅިން އަލަށް) އަދި ނ. ޅޮހީ: ވަދުކަނދުފަތި (މުޅިން އަލަށް) އެވެ.
މި ސަރުކާރުން މަސްވެރިކަމުގެ ދާއިރާއަށް ދެއްވާ އަހަންމިއްޔަތުކަން ފާހަގަކުރައްވަމުން އެ ވުޒާރާއިން ވިދާޅުވީ، މިހާތަނަށް 90 އަށްވުރެ ގިނަ ކަނދުފަތި އަޅާފައިވާ ކަމަށެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް އެހެން އެއްވެސް ސަރުކާރަކުން މިހާ ކުރު މުއްދަތެއްގެ ތެރޭގައި ކަނދުފަތި ނާޅާ މިންވަރެއްކަން އެ ވުޒާރާއިން ފާހަގަކުރައްވައެވެ.
ކަނދުފަތިތަކަށް އޮތް ޑިމާންޑް ބޮޑުވަމުންދާއިރު، ކަނދުފައްޗެއް ކަނޑައިގެން ދިއުމަކީ މަސްވެރިންނަށް ކުރިމަތިވާ ބޮޑު ގޮންޖެހުމެކެވެ. އެހެންކަމުން، ކަނޑައިގެންދާ ކަނދުފަތިތައް އަވަހަށް މަރާމާތުކޮށް އަލުން އެޅުމުގެ މަސައްކަތަށް މިނިސްޓްރީން ޚާއްސަ އިސްކަމެއް ދެއްވާ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.