ބުލީ ކުރުމަކީ ޤާނޫނީ ކުށެއް ކަމަށް ކަނޑައެޅުމަށްޓަކައި އެކަމަށް ޚާއްސަ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ "އެންޓި ބުލީން" ޤާނޫނެއް އެކުލަވާލުމުގެ މައިގަނޑު މަޤްސަދަކީ ބުލީ ކުރުން ހުއްޓުވުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއި، އެފަދަ އަމަލުތައް ކުރާ ފަރާތްތަކަށް ފިޔަވަޅު އެޅުން އިތުރަށް ހަރުދަނާ ކުރުން ކަމަށެވެ. މި ޤާނޫނު އެކުލަވާލުމުގެ މަސައްކަތް މިހާރު އެޓަރނީ ޖެނެރަލްގެ އޮފީހުން ކުރިއަށް ގެންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ޤާނޫނުގެ ދަށުން ބުލީ ކުރުމުގެ އަމަލުތަކަކީ ކޮބައިކަން ސާފުކޮށް ކަނޑައެޅިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ޚާއްސަކޮށް ސްކޫލްތަކާއި ތަޢުލީމުދޭ އެކި އިދާރާތަކުގައި މި ޤާނޫނު ހިންގާނެ ގޮތުގެ ތަފްސީލްތައް ހިމެނޭނެއެވެ. މީގެ އިތުރުން، ބުލީ ކުރުމާ ގުޅޭ ޚާއްސަ ސިޔާސަތުތައް އެކުލަވާލުމާއި، ބުލީ ކުރާ ކުދިންނާ މެދު އަމަލުކުރާނެ ޚާއްސަ ނިޒާމެއް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ.
"މިކަން އިތުރަށް ހުއްޓުވުމަށްޓަކައި، އަދި ޕްރިވެންޓިވް އެކިކަހަލަ މެޝާސްތައް ލުމައްޓަކައި، މިފަދަ އަމަލްތައް ކުރާ ފަރާތްތަކަށް ފިޔަވަޅު އެޅުން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ބުލީ ކުރުން އެއީ ޤާނޫނީ ކުށެއް ކަމަށް ކަނޑައެޅުމަށް އެކަމަށް ހާއްސަ ޤާނޫނެއް، އެންޓި ބުލީ ޤާނޫނެއް ތަޢާރަފް ކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފި،" ރައީސް ވިދާޅުވިއެވެ.
މި ޤާނޫނުގެ ދަށުން ބުލީގެ މައްސަލަތައް ސެންޓްރަލް އެޖެންސީއަކަށް ރިޕޯޓްކުރެވޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެއެވެ. އަދި ރަސްމީ ތަޢުލީމީ މަންހަޖުގެ ތެރޭގައި ބުލީ ކުރުމާ ގުޅޭ ހޭލުންތެރިކަމުގެ ކަންކަން ހިމެނުމަށްވެސް ވަނީ ނިންމާފައެވެ. ރައީސް ވިދާޅުވީ ކަމާ ގުޅޭ ފަންނީ ބޭފުޅުންގެ ލަފަޔާއެކު މަޝްވަރާގެ ހުރިހާ މަރުހަލާއެއް ނިންމުމަށްފަހު، މި ބިލު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާނެ ކަމަށެވެ.