މި އަހަރުގެ އޮގަސްޓް މަސް ނިމުމުގެ ކުރިން ދިވެހިރާއްޖޭގެ ހުރިހާ ހިސާބަކަށް އާރުޓީއެލް ފެރީގެ ޚިދުމަތް ފެށިގެން ދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ބަދަލެއް ގެނައި އާރުޓީއެލްގެ ޚިދުމަތް އެންމެ ފުރަތަމަ ފަށާފައިވަނީ 2022 ވަނަ އަހަރުގައެވެ. ދަތުރުފަތުރުގެ ދާއިރާއަށް ޚާއްޞަ އިސްކަމެއް ދީގެން، ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް މި ސަރުކާރުންވެސް އަންނަނީ މި މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދަމުންނެވެ. މިހާތަނަށް މި ޚިދުމަތް 15 އަތޮޅެއްގައި ދޭން ފަށާފައިވާއިރު، ޖުމްލަ 145 ރަށަކަށް މިހާރު ދަނީ ފެރީގެ ޚިދުމަތް ލިބެމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި އާރުޓީއެލް ޚިދުމަތަކީ ރައްޔިތުންނަށް ވަރަށް މުހިންމު ޚިދުމަތެކެވެ. އަދި މިހާރު މި ޚިދުމަތް ނުދެވި ބާކީ އޮތީ ގާތްގަނޑަކަށް 4 އަތޮޅުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމުގައި ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ދިނުމުގައި ކުރިމަތިވާ ދަތިތައް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، "އެންމެ އަވަހަށް ޕޭކުރެވޭނެ ގޮތަކަށް އޮންޓައިމް ޕޭކުރެވޭނަމަ މިއަށްވުރެ އަވަހަށް ނިމިފައި ހުންނާނީ ހަޤީގަތުގައި. މިހާރު ގޮއްސަ އޮތް ހިސާބުން އިރާދަކުރެއްވިއްޔާ އެންމެ ލަސްވެގެން ޖުލައި، އޮގަސްޓް އާއި ހިސާބަށް ދާއިރަށް މި ބަލަނީ ބާކީހުރި ހުރިހައި އަތޮޅެއް ކަވަރ ކުރެވޭނެކަމަށް."
މީގެ އިތުރުން، މިހާރު ޚިދުމަތް ދެމުންދާ އަތޮޅުތަކުގައި ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ބޭނުންވާ އިތުރު ސްޕެއަރ ވެސަލްތައް ނުވަތަ ބެކަޕް އުޅަނދުތައް ހޯދުމުގެ މަސައްކަތްވެސް ސަރުކާރުން ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވާފައެވެ.