ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ، އިންޑޮނޭޝިޔާގެ ވައިސް މިނިސްޓަރ އޮފް ފޮރިން އެފެއާޒް މުޙައްމަދު އަނިސް މައްޓާ، އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ، އިންޑޮނޭޝިޔާގެ ވައިސް މިނިސްޓަރ އޮފް ފޮރިން އެފެއާޒް މުޙައްމަދު އަނިސް މައްޓާ ދިވެހިރާއްޖެއަށް ވަޑައިގަންނަވާ، އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއަށް ޒިޔާރަތް ކުރެއްވީތީ ޝުކުރު އަދާކުރައްވާފައެވެ.
ދިވެހިރާއްޖެއާއި އިންޑޮނޭޝިޔާއަކީ ޒަމާންވީ އަޚުވަންތަ ދެ ޤައުމުކަން ފާހަގަކުރައްވާ، އިސްލާމީ ދާއިރާއިން ދެ ޤައުމުން ގުޅިގެން ކުރެވިދާނެ މުހިއްމު ކަންކަމާއި ގުޅޭ ގޮތުން ދެ ބޭފުޅުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ.
މި މަޝްވަރާތަކުގެ ތެރޭގައި ޚާއްޞަ އިސްކަމެއް ދީގެން އަލިއަޅުވާލާފައިވާ ކަންކަމުގެ ތެރޭގައި އިސްލާމީ ވަޤްފު ފަންޑު ތަރައްޤީ ކުރެވޭނެ ގޮތްތަކާއި، އިމާމުންނާއި ޚަޠީބުން ތަމްރީން ކުރުމަށް ގުޅިގެން ކުރެވިދާނެ މަސައްކަތްތައް ހިމެނެއެވެ.