ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) ގެ ބޯޑަށް އައު ހަތަރު މެންބަރަކު އައްޔަންކޮށްފިއެވެ. މި ބަދަލު ގެނެސްފައިވަނީ އެ ބޯޑުގައި ކުރިން ތިއްބެވި ތިން މެންބަރަކު މަގާމުން ވަކިކުރެއްވުމަށްފަހުގައެވެ.
ވީއެމްސީގެ ބޯޑަށް އަލަށް އައްޔަންކުރެއްވި ހަތަރު ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ތިން އަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅެކެވެ. ބޯޑަށް އަލަށް އައްޔަންކުރެއްވި މެންބަރުންނަކީ ހުދާ ފަހީމް، ވިލަރެސް / ކ.ތުލުސްދޫ، ޢާއިޝަތު މަލްހާ (އެކައުންޓިން އެންޑް ފައިނޭންސް)، ރަސްވެލި / ރ.ރަސްގެތީމް، ޢަލީ ޝިނާން، މއ.ރިހިރާޅު އަދި ޢާއިޝަތު ޢަލީ، މ.ވާރޭވިލާ އެވެ.
މި ބަދަލާ ގުޅިގެން ބޯޑުން ވަކިކުރައްވާފައިވަނީ ޢަބްދުލް ސަމީޢު އިމާދުއާއި، އާއިޝަތު ޙަމީދު އަދި ސަބީޙާ އަޙްމަދެވެ. މި ބަދަލުތަކާއެކު ވިޒިޓް މޯލްޑިވްސްގެ ބޯޑު މިހާރު ވަނީ އަލުން އެކުލަވާލެވިފައެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ބޯޑަކީ ޖުމްލަ 9 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ބޯޑެކެވެ. މި ކޯޕަރޭޝަނަކީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރާ މުއައްސަސާއެކެވެ.