ފާއިތުވި ދިހަ އަހަރުވެސް މިދުވަސްވަރު ކަރަންޓު ބިލް ބޮޑުވެފައިވާ ކަމަށާއި، ބިލަށް އައި ބަދަލަކީ ބިލިންގެ މައްސަލައެއް ނޫންކަން ޔަޤީންކުރެވޭ ކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ. ފެނަކައިން މިގޮތަށް ވިދާޅުވީ ކަރަންޓު ބިލްތަކަށް އައި ބަދަލާއި ގުޅިގެން އާންމުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުންނެވެ.
ކަރަންޓު ބިލްތަކަށް އައި ބަދަލާއި ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން ފެނަކަ ކޯޕަރޭޝަންގެ ޗީފް ޓެކްނިކަލް އޮފިސަރ އަބްދުﷲ ނާޝިތު ވިދާޅުވީ، ބިލްތައް ބޮޑުވެފައިވަނީ ހޫނު ގަދަވުމުގެ ސަބަބުން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުމުން ކަމަށެވެ. އަދި މިއީ ފާއިތުވި އަހަރުތަކުގައިވެސް އެ ކުންފުންޏަށް ޝަކުވާ ލިބެމުންދާ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ބިލްތައް ތައްޔާރުކުރަނީ ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށް ފާހަގަކުރައްވައި ނާޝިތު ވިދާޅުވީ، "މިއަންނަނީ ޖެނެރޭޝަން ކެޕޭސިޓީ އިތުރުވެގެންދާކަން. އަޅުގަނޑުމެންނަށް މިކަން ޔަޤީން ކުރެވޭ ސަބަބަކީ ޕަވާރ ހައުސް ޖެނެރޭޝަނަށް ބަލާއިރުވެސް ކޮންމެ ރަށެއްގައިވެސް 25 އިންސައްތަ އިތުރުވޭ. ޑީސެލް ޓްރެންޑް ނުވަތަ ޑީސެލް ބޭނުންކުރާ މިންވަރަށް ބަލާއިރުވެސް އަނދާ ތެޔޮ އިތުރުވޭ އެ ނިސްބަތުން. އެހެންވީމަ އަޅުގަނޑުމެންނަށް ޔަޤީންވޭ ޖެނެރޭޝަން މައްސަލައެއްކަން މިއީ. ބިލިން މައްސަލައެއް ނޫންކަން."
ފެނަކައިން އިތުރަށް ވިދާޅުވީ، ހޫނުވާ ދުވަސްތަކުގައި އާންމުކޮށް ގޭގައި ބޭނުންކުރާ ސާމާނުތައް ބޭނުންކުރި ނަމަވެސް، އެ ތަކެތިން ބޭނުންކުރާ ހަކަތައިގެ މިންވަރު އިތުރުވާ ކަމަށެވެ. މީގެ އިތުރުން، ކަރަންޓު ވައިރިންކޮށްފައި ހުންނައިރު ނަރުތައް ހާމައަށް ހުރުމުން ނުވަތަ ނަރުތަކަށް ހޫނުވުމުންވެސް ކަރަންޓު އިސްރާފުވެ، ބިލަށް ބޮޑު ބަދަލެއް އަންނަކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.