ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަންތަކުގެ ތެރެއިން، ހުޅުމާލެ ފޭސް 2 އިން 8 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން މައުލޫމާތު ދިން ގޮތުގައި، މިއަދު ކުރިއަށްގެންދިޔަ މި އިންސްޕެކްޝަންގައި ޖުމްލަ 19 ބިދޭސީއަކު ބަލައި ފާސްކޮށްފައިވެއެވެ. އޭގެ ތެރެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 8 މީހެކެވެ.
މި ހަރަކާތަކީ މައިގްރޭޝަން މޮނިޓަރިންގ އެންޑް ކޮމްޕްލަޔަންސް ޕްރޮގްރާމް (އެމް.އެމް.ސީ.ޕީ) ގެ ދަށުން މާލެ އާއި ހުޅުމާލޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް ކުރިއަށްގެންދާ ސިލްސިލާ މަސައްކަތްތަކުގެ ބައެކެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ އިންސްޕެކްޝަންތައް މާލެ ސަރަހައްދުގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދާނެ ކަމަށެވެ.