ދިވެހި ފުލުހުންގެ ޚިދުމަތުގެ ތެރޭގައި ހަމަހަމަކަމާއި، އެންމެން ޝާމިލްވާ، ފަރަޤުކުރުމެއްނެތް މާހައުލެއް ޤާއިމްވެފައި އޮތުމަކީ މުއައްސަސާގެ މުހިންމު އަމާޒެއް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ. ސީޕީ މިހެން ވިދާޅުވީ "މޯލްޑިވްސް ވިމެން އިން ޕޯލިސިންގ ކޮމިޓީ" ގެ ތިންވަނަ ދައުރު އިފްތިތާޙުކުރުމަށް ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ، "އަޅުގަނޑުމެންގެ އަމާޒަކީ، ހަމަހަމަކަން އެންމެން ޝާމިލްވާ، ފަރަޤުކުރުމެއްނެތް މާހައުލެއް ފުލުހުންގެ ތެރޭގައި ޤާއިމްވެފައިއޮތުން. ފުލުހުންގެ އިސް ސަފުގައްޔާއި، ނިންމުންތައް ނިންމާ މަރުޙަލާތަކުގައި އަންހެން އޮފިސަރުންގެ ބައިވެރިވުން އިތުރުކޮށް އަންހެން އޮފިސަރުންނަށް ހުރި ގޮންޖެހުންތައް ނައްތާލާއި، ފަހި ފުރުސަތުތަކެއް ހޯދައިދިނުމަކީ މުއައްސަސާއިން އަބަދުވެސް އިސްކަންދޭނެކަމެއް" ކަމަށެވެ.
ފުލުހުންގެ ކޮންމެ ދާއިރާއަކަށް ބެލިކަމުގައިވިޔަސް، އަންހެން އޮފިސަރުންގެ ޤާބިލުކަމާއި، ހުނަރުވެރިކަމާއި ކެރޭކަން ފެންނަމުންދާކަން ސީޕީ ފާހަގަކުރެއްވިއެވެ. ވަކިން ޚާއްސަކޮށް، މުޖުތަމަޢާއި ގުޅިގެން މަސައްކަތްކުރުމުގައްޔާއި، އަންހެނުންނާއި ކުޑަކުދިންނާ ގުޅޭ ނާޒުކު މައްސަލަތަކުގައި އަންހެން އޮފިސަރުންނަކީ އިތުބާރާއި ޔަޤީންކަން އާލާކޮށްދޭ މުހިންމު ހިއްސާދާރެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، އަންހެން އޮފިސަރުންގެ ކިބައިގައި ހުންނަ އޯގާތެރިކަމާއި، ފުންކޮށް ވިސްނުމުގެ ބާރަކީ ފުލުހުންގެ އޮޕަރޭޝަންތަކަށް ލިބޭ ބޮޑު ކުރިއެރުމެއްކަން ސީޕީ އަޙުމަދު މުޙައްމަދު ފާހަގަކުރެއްވިއެވެ. އެހެންކަމުން، މުއައްސަސާގެ މަސައްކަތުގެ މާހައުލަކީ އެންމެން ޝާމިލްވާ، ހަމަހަމަ ފުރުސަތުތަކެއް އޮތް ތަނަކަށް ހެދުމަށް މުއައްސަސާއިން އަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
މޯލްޑިވްސް ވިމެން އިން ޕޮލިސިންގ 3 ވަނަ ދައުރުގެ ކޮމިޓީ އިފްތިތާޙްކުރުމަށް ބޭއްވި މި ރަސްމިއްޔާތުގައި ދަޢުލަތުގެ ވަޒީރުންނާއި، ސަރުކާރުގެ އިސްވެރިންގެ އިތުރުން ބޭރު ޤައުމުތަކުގެ އިސް ޑިޕްލޮމެޓުންނާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ އިސްވެރީން ބައިވެރިވެވަޑައިގެންނެވިއެވެ.