އަޅުގަނޑުގެ ފުރަތަމަ ަކއިވެނި ރޫޅިގެންދިއައީ ފިރިމީހާ އުޅެމުންދިއަ ދޯދިޔާ ދިރިއުޅުމާއި ނުބެހި ކެތްތެރިވާން ހަދައިގެންނެވެ. އެކަމުގެ ނަތީޖާއަކަށްވީ ފިރިމީހާ ދެވަނަ ކައިވެންޏެއް ކުރުމެވެ. ވަރިވީ އެކަމަށް ކެތްނުކުރެވިގެން އަމިއްލައަށެވެ.
ދެވަނަ ކައިވެނި ކުރެވުނީ ކައިވެނި ރޫޅިފައިހުރި 3 ދަރިންގެ ބައްޕައަކާއިއެވެ. އެއީ ތަނަވަސްކަންހުރި މީހެކެވެ. އަޅުގަނޑަށް ކަންތައްކުރަނީވެސް ވަރަށް ރަނގަޅަށެވެ. އަޅުގަނޑަށް އެކުވެރިން ވިސްނައިދެމުން ގެންދިއައީ އަޅުގަނޑުގެ ފުރިހަމަ ބާރުގެ ދަށުގައި ފިރިމީހާ ބަހައްޓަން މަސައްކަތްކުރުމަށެވެ. ދަރިންގެ މަންމައާއި ބައްދަލުކުރުމުގެ ފުރުޞަތު ނުދިނުމަށެވެ.
އެއްރޭ ކައިނިމިގެން ފިރިމީހާ ބުނީ ކުދިންގެ މަންމަ އޮތީ ބަލިވެ ހޮސްޕިޓަލުގައި ކަމަށާއި ޙާލުބަލާލަން ދާންޖެހޭ ކަމަށެވެ. އަޅުގަނޑު އެކަމަށް ދެކޮޅުހެދީމެވެ. ޚަރަދުކުރުމުން ފުދޭނެ ކަމަށްވެސް ބުނީމެވެ. ފިރިމީހާ ގޮތްދޫނުކުރުމުން ގޮސްފައި އެނބުރިއަންނައިރު މިގޭގައި ނުއިންނާނެ ކަމަށްވެސް ބުނީމެވެ. އެއީ އެގޮތަށް ކަންތައްކުރަންވެގެނެއް ނޫނެވެ. ފިރިމީހާ ދިއުން ހުއްޓުވޭނެ ކަމަށެވެ.
ފިރިމީހާދިނީ މާވަރުގަދަ ޖަވާބެކެވެ. "އެއީ 3 ދަރިންގެ މަންމައެވެ. ކައިވެނި ރޫޅިފައިވުމަކީ އޭނާއަށް މިވަރުގެ ކަމެއް މެދުވެރިވުމުން ގާތަށް ގޮސް ޙާލުނުބަލައި ހުންނަން އޮތް ސަބަބެއް ނޫނެވެ. އަހުރެން ޢަމަލުކުރާގޮތް ދަރިން އެތިބީ ބަލާށެވެ! ވީމާ އަހުރެން މިދަނީއެވެ. އެކަން މައްސަލައަކަށްވާނަމަ އެނބުރި އަންނަންވާއިރަށް މިގެއިންދާށެވެ. ގެންދަން ބޭނުން ކޮންމެ އެއްޗެއްވެސް ގެންދާށެވެ. އެއްވެސް މައްސަލައެއް ނެތެވެ." އެހެން ބުނެފައި ނުކުމެގެން ދިއައީއެވެ.
ނުކުމެގެންދާނެ ހިތްވަރެއް ނުލިބުނެވެ. ނިދަން އުޅެއުޅެ ނުނިދިގެން ސިޓިންގރޫމްގައި އިންދާ 1 ޖެހިތަނާ ފިރިމީހާ ގެއަށް އައީ 3 ކުދިންނާ އެކުދިންގެ މަންމަ ގޮވައިގެންނެވެ. ބުނާނެ އެއްޗެއްވެސް ނުއެނގި އިންދާ އަޅުގަނޑަށް ގޮވައި ދުރަށް ގެންގޮސްފައި ބުންޏެވެ. "ތިއައީ 3 ކުދިންގެ ދޮންމަންމައެވެ. ވީމާ ކުރިން ތިބާ ދެއްކި ވާހަކަތައް ކުދިންނަށްވެސް ކުދިންގެ މަންމައަށްވެސް އަންގާކަށް ބޭނުމެއް ނޫނެވެ. ގޮވައިގެން ގެއަށް މިއައީ ތިބާ މިހާރުވާނީ ނުކުމެގެންގޮސްކަމަށް ބަލައިގެންނެވެ. މިއީ ތިބާގެ އަމިއްލަ ނިންމުމުގެ ސަބަބުން ކަންތައްމެދުވެރިވި ގޮތެވެ. ކުދިންގެ މަންމަ ވަރަށް ބައްޔެވެ. އެހެންވީމާ އަހުރެންގެ ބެލުމުގެދަށަށް މިގެނައީ ކުދިންނަށްޓަކައެވެ. ތިބާ ބޭނުންވާނަމަ ކުދިންނަށް މަންމައަކަށްވެގެން އިންނާށެވެ. ކުދިންގެ މަންމައަށްވެސް ހެޔޮކޮށްހިތާށެވެ. އަދި މިގެނައީ ކައިވެނިކުރަން ނިންމައިގެނެއް ނޫނެވެ. ބަލިޙާލު ހުރި ގޮތުން އަރާމުގައި ބައިންދަންޖެހޭތީ ނޯކަރުން ލައްވައި ބައްލުވަންވެގެންނެވެ."
އަޅުގަނޑަށް ޖެހުނީ ފިރިމީހާގެ ބަސް ޤަބޫލުކޮށްގެން އިންނާށެވެ. އެޙާލަތުގައި ކުރާ އަސަރު އެނގޭނީ އެޙާލަތަށް ކެތްތެރިވާން ޖެހުނު މީހަކަށެވެ. ނަޞީބަކުން އެއީ ވަރަށް ރަނގަޅު އަންހެނެކެވެ. އަހުރެންނާއިމެދު ބެލީ އުޚުތެއްފަދައިންނެވެ. އަހަރުވީފަހުން އެދެމީހުން ކައިވެނިކުރީ އަހުރެން އިސްނަގައި އެކަމަށް އެދިގެންނެވެ.
އެކަމަކު މިއަދުވެސް ވަރަށް ދެރަވަމެވެ. އެއީ އެކުވެރިން ވިސްނައިދިން ގޮތަށް ފިރިމީހާގެ މައްޗަށް އަހުރެންނަށް ލިބިގެންނުވާ ބާރެއްގެ ބޭނުންކުރަން އުޅެވުނީތީއެވެ. ހަރުދަނާ، ދަރިންދެކެ ލޯބިވާ ބައްޕައަކާއި ދަރިންނާއި ދެމެދަށް ހުރަސްއަޅަން މަސައްކަތްކުރެވުނީތީއެވެ. ވީމާ އަޅުގަނޑު މިއަދުނޫހުގެ ކިޔުންތެރި ކަނބަލުންނަށް ބުނެލަން ބޭނުންވަނީ އަޅުގަނޑަށް މެދުވެރިވިގޮތާއިމެދު ވިސްނާށެވެ. އިތުބާރުކުރަންވީ އެކުވެރިންނަކަށް ނޫނެވެ. ތިމާދެކެ ލޯބިވެ އަޅައިލާ ފިރިމީހާޢަށެވެ.
- ރާމިޒާ / މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ