މަންމަ ބަލިވުމުން ދަތިޙާލުގައިވެސް މަންމައަށްޓަކާ ޤުރްބާންވި ދަރިއަކަށް ތަނަވަސް އަދި އެންމެ ހެޔޮލަފާ ފިރިއަކު ލިބި، ލިބުނު ބޮޑު އުފާވެރިކަމުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 4ސ
މަންމަ ބަލިވުމުން ދަތިޙާލުގައިވެސް މަންމައަށްޓަކާ ޤުރްބާންވި ދަރިއަކަށް ތަނަވަސް އަދި އެންމެ ހެޔޮލަފާ ފިރިއަކު ލިބި، ލިބުނު ބޮޑު އުފާވެރިކަމުގެ ވާހަކަ-

ދަތިޙާލުގައި އުޅެންޖެހިއްޖެނަމަ އަދި ތިމާއަށް ރަނގަލު ގޮތްތައް މެދުވެރިވުމަށް އެދޭނަމަވެސް  ރޭއަޅުކަންކޮށް ދުޢާކުރަން ޢިލްމްވެރިން ވަރަށް ގިނައިން ވިދާޅުވެއެވެ. އަދި މައިންބަފައިންނަށް ހެޔޮކޮށް ހިތުން އިތުރުކުރަންވެސް ވިދާޅުވެއެވެ.  

ޢިލްމްވެރިންގެ އެބަސްފުޅާއިމެދު ޝައްކުކުރާ ބައަކުވެސް އުޅެއެވެ. ޙަޤީޤަތަކީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމުންނާއި ރޭއަޅުކަންކުރުމުން ހީވެސް ނުކުރެވޭފަދަ ބޮޑެތި ކަންކަން ޙާޞިލުކުރެވުނު އެތައް ބައަކާއި ބައްދަލުވެފައިވާކަމެވެ. ގިނަ ބައެއްގެ ވާހަކަތައް މިއަދުނޫހުގައި ޝާއިޢުވެސް ވަނީ ކުރެވިފައެވެ. އަދި މިހާރުވެސް ދަނީ ޝާއިޢުކުރެވެމުންނެވެ.  

ތިރީގައިވެސް ހަމަ އެފަދަ އަންހެނެއްގެ ވާހަކައެވެ. 

އަޅުގަނޑު މިކިޔައިދެނީ މީގެ 25 ވަރަކަށް އަހަރުކުރީގެ ވާހަކައެކެވެ. މިވާހަކައަށް ރަނގަޅަށް ވިސްނައިފިނަމަ ކޮންމެ ދަރިއަކަށްވެސް އަގުހުރި ފިލާވަޅެއް ލިބޭނެއެވެ.  

އެއިރު އަޅުގަނޑުގެ މަންމަ އައިޖީއެޗްގައި ބާއްވާފައި އޮންނަތާ މަސްދުވަސްވެދާނެއެވެ. ޑޮކްޓަރުން ބުނަނީ މަންމަގެ ލޭގައި އާދައާ ޚިލާފް ޖަރާސީމެއް ހުރިކަމަށް ޤަބޫލުކުރެވޭ ކަމަށާއި ރާއްޖެއިން ކުރެވޭނެ ފަރުވާއެއް ނެތްތަނުގައި ބަލިދެނެގަނެވޭނެ ގޮތެއްވެސް ނެތް ކަމަށެވެ. އެކަން ބަޔާންކޮށް ޑޮކްޓަރުން ހުރީ ލިޔުންތައް ދީފައެވެ. ނަމަވެސް އެއީ މިހާރުހެން އާސަންދަފަދަ ނިޒާމެއް އޮތްދުވަސްވަރެއް ނޫނެވެ. ފަޤީރުންނަށް ޖެހެނީ ސަލާންޖަހާށެވެ.  

މަންމަގެ ތިބީ ދެދަރިންނެވެ. އެއީ އަޅުގަނޑާއި ކޮއްކޮއެވެ. ބައްޕަވަނީ ވަރަށް ކުޑައިރު ނިޔާވެފައެވެ. ބައްޕަ ނިޔާވުމުން މަންމަ އިތުރު ކައިވެންޏެއް ނުކުރެއެވެ. ދެދަރިން ގެންގުޅެ ބޮޑުކުރީ ގެއިން ކޮޓަރީއެއް ކުއްޔަށް ދީގެން ލިބޭ ފައިސާކޮޅުންނެވެ. އެއިގެ އިތުރުން މަންމަ ހެދިކާވެސް ހަދައެވެ.  

އެއިރު އަޅުގަނޑުގެ އުމުރަކީ 28 އަހަރެވެ. ކޮއްކޮގެ އުމުރަކީ 26 އަހަރެވެ. ކޮންމެ ދުވަހަކު ކޮއްކޮ ކުރާމަސައްކަތަކީ އެހީއެއް ލިބޭތޯ ތަންތަނަށް ސިޓީލުމާއި ޖަވާބު ހޯދަން މަސައްކަތްކުރުމެވެ. މަންމަ ބަލަހައްޓަނީ އަޅުގަނޑެވެ.  

މަންމަގެ ޙާލު އައީ ދުވަހުން ދުވަހަށް ގޯސްވަމުންނެވެ. ނަމަވެސް ޑޮކްޓަރުން ބުނަނީ ކުރެވޭނެ އިތުރު ކަމެއް ނެތްކަމަށެވެ. އެހާލަތުގައި އަޅުގަނޑުމެންނަށް ކުރެވެން އޮތް ކަމަކީ މަންމަބެލެހެއްޓުމާއި ދުޢާކުރުމެވެ. އެކަންކަމަށް ވަރަށް ބޮޑަށް ފަރުވާތެރިވަމެވެ.  

އެރެއަކީ މަންމަގެ ހާލު ވަރަށް ބޮޑުވިރެއެކެވެ. އެރޭ އަޅުގަނޑު ވަރަށް ރުއީމެވެ. މަންމައަށް ޝިފާދެއްވެވުން އެދި ދުޢާކުރަމުން ގޮސް ބުނެވުނެވެ. "ޔާ ﷲ! މިއަޅާގެ މަންމައަށް ރަޙުމްކުރައްވަވާނދޭވެ! މަންމައަށް ބޭސްފަރުވާކުރެވޭނެ މަގެއް ދައްކަވައިދެއްވަވާނދޭވެ! މިއަޅާގެ އުމުރުން އެއްބައި މަންމައަށްދެއްވަވާފައި ނަމަވެސް މަންމައަށް ޝިފާ ދެއްވަވާނދޭވެ!" 

އަނެއް ދުވަހު ހެނދުނު 10 ޖަހާއެހައިކަންހާއިރެވެ. މަންމަ އާއި ޖެހިގެން އޮތް ބަލިމީހަކަށް ޒިޔާރަތްކުރި މީހެކެވެ. އޭނާ އަޅުގަނޑަށް ގޮވާލިއެވެ. ގާތަށް ދިއުމުން މަންމަގެ ޙާލާއިބެހޭ ގޮތުން  ސުވާލުކުރީމާ ހުރިހާ ވާހަކަތަކެއް ކިޔައިދިނުމުން އޭނާ ބުންޏެވެ. "އަހަރެންގެ މަންމަ ބަލިވިއިރު އަހަރެންނަކީވެސް ފަޤީރަކީމެވެ. މަންމަ ނިޔާވީ ބޭސްފަރުވާއަށް ސަލާންޖަހަމުން ހިނގަނިކޮށެވެ. މިއަދު އަހަރެންގެ ކިބައިގައި ތަނަވަސްކަން އެބަހުއްޓެވެ. މަންމަގެ ފުރާނައަށް ރަޙްމަތް ލެއްވެވުން އެދި އަހަރެން ތިބާގެ މަންމައަށް ބޭސްކޮށްދޭނަމެވެ. އެހެން ބުނެފައި ދުރަށްޖެހި ފޯނެއްކޮށްލާފައި އައިސް ބުންޏެވެ. "އޮފީހުން މީހަކު އަންނާނެއެވެ. އޭނާ ބުނާ ގޮތަކަށް ކަންކަންކުރާށެވެ. އެއްވެސް ކަމަކަށް ދަތިވެއްޖެނަމަ އަހަރެންނަށް ގުޅާށެވެ!" އެހެންބުނެފައި ނަންބަރުވެސް ދީފައި އެމީހާ ނުކުމެގެން ދިއައީއެވެ.  

އިރުކޮޅަކުން މީހަކު އައިސް ކަންކަން އޮޅުންފިލުވައި މަންމަ ފުރުވާލުމުގެ މަސައްކަތް ފަށައި ދެވަނައަށް އޮތް ދުވަހު އިންޑިއާއަށް ފޮނުވައިފިއެވެ. އަހަރެމެން ދެބެއިންގެ އިތުރުން އެމީހުންގެ ފަރާތުންވެސް މީހަކާއިވެސް އެކުގައެވެ.

ކޮންމެއަކަސް މަހެއްހައި ދުވަހު އިންޑިއާގައި ތިބެންޖެހުނެވެ. އެނބުރި މާލެ އައީ ޝިފާލިބިގެންނެވެ. އިން ޝާ ﷲ. މާލެ އައިފަހުންވެސް އެމީހާ ކޮންމެ މަހަކުވެސް މަންމައަށް އެހީތެރިވެއެވެ.  

މާލެއައިތަނުން މީހަކު އަޅުގަނޑަށް ފޯނުކުރަން ފަށައިފިއެވެ. ދެމީހުންގެ މެދުގައި ގުޅުން އުފެދި ކައިވެނިކުރާ ހިސާބަށް ކަންކަން ހިނގައްޖެއެވެ. އޭނާއަކީ މަންމައަށް އެހީތެރިވި މީހާގެ ދަރިއަކުކަން އެނގުނީ ކައިވެނިކުރި ވަގުތުއެވެ.  

ކައިވެންޏަށްފަހު ފިރިމީހާ ބުނީ އަޅުގަނޑަށް ފޯނުކުރަން ފެށީ އަޅުގަނޑު ފެނިގެންވެސް ނޫންކަމަށާއި މަންމަގެ ބޭސްފަރުވާއަށް ގޮސްތިބިއިރު މަންމައަށް އަޅުގަނޑުދިން ސަމާލުކަމާއި އަޅުގަނޑު ރޭއަޅުކަންކުރާ ވާހަކަ އަޅުގަނޑުމެން ގޮވައިގެން ދިއަ މީހާ ކިޔައިދިނުމުން ކައިވެނިކުރަން ޝައުޤުވެރިވީކަމަށެވެ. އަދި ފިރިމީހާގެ ޙަޤީޤަތް ސިއްރުކުރީ ތަނަވަސް މީހަކަށް ހެދިގެން ތަނަވަސްކަމުގެ އަވާގައި ޖައްސުވައިގެން ކައިވެނިކުރަން ބޭނުންނުވާތީ ކަމަށެވެ.  

ކައިވެންޏަށް މިހާރު 25 އަހަރުވީއެވެ. ދެމީހުންގެ ދިރިއުޅުމަކީ އުފާވެރި ދިރިއުޅުމެކެވެ. އޭނާއަކީ ތަނަވަސް މީހެއް ނަމަވެސް އުޅެނީ ވަރަށް އާދައިގެ ގޮތަކަށެވެ. ބޮޑާކަމުގެ އަސަރެއްވެސް ނުހުރެއެވެ. އޮފީހުގައި ނޫން ހުރިހާ ވަގުތެއްވެސް ހޭދަކުރަނީ ގޭގައެވެ. ޢާއިލާއަށް ވަގުތު ދިނުމުގައި ފިރިމީހާއަކީ ނަމޫނާ ފިރިއެކެވެ.

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ އަޅުގަނޑަށް މިއުފާވެރި ދިރިއުޅުން ލިބުނު ސަބަބެއް ކަމަށް ޤަބޫލުކުރަނީ އަޅުގަނޑުގެ މަންމައަށް ކޮށްދެވުނު ޚިދުމަތާއި ތަޤްވާވެރިވާން ކުރާ މަސައްކަތެވެ. މަންމައަށްޓަކައި އަޅުގަނޑުގެ ލޮލުން އޮހޮރި ކަރުނައެވެ. ފިރިމީހާގެ ބަހުން އެނގެނީ އެކަމެވެ.  

އިތުރަށް ބުނާނެ އެއްޗެއް ނެތެވެ. ކިޔުންތެރިން ވިސްނައި ޢިބްރަތް ޙާޞިލްކުރާށެވެ.

 

- ވަދީފާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން