ބަލިމީހުންނަށް ބޭނުންވާ ބޭސް ފޯރުކޮށްދިނުމުގައި ދިމާވާ މައްސަލަތައް ބޭސް ކުންފުނީގެ އެހީގައި ހައްލުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް ސިއްޙަތާއި އާޢިލާއާއި އިޖުތިމާޢީ އެހީއާބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ "ރާއްޖެމިއަދު" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރާއްޖޭގެ ބޭހުގެ ބާޒާރުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ ބޭހުގެ 30 އިންސައްތަ ފޯރުކޮށްދެނީ ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއިން ކަމަށެވެ. އަދި ބާކީ 70 އިންސައްތަ ބޭސް ފޯރުކޮށްދެމުންދަނީ އަމިއްލަ ކުންފުނިތަކުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ބޭހުގެ ނިސްބަތަކީ ކުޑަ މިންވަރެއް ކަމަށާއި، އެއް ބޭހެއް ރާއްޖެއަށް ތިން ހަތަރު ވިޔަފާރިއަކުން ގެނައުމަކީ އަމަލީގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ބޭނުންވާ އަދަދަށް ބޭސް ރާއްޖެއިން ލިބޭނެ ގޮތް ހެދުމަށްޓަކައި އެއް ބަޔަކު އެކަމުގެ ތެރޭގައި ހަރަކާތްތެރިވުން މުހިންމު ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
ބޭހުގެ އަގުތައް ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، "އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކާ އެކުގައި ސްޓޭޓް ފާމާ ކޮންޕެނީއިން އެބަ މަސައްކަތްތަކެއް ކުރަމުންގެންދޭ. ބޭހުގެ އަގު ކޮންޓްރޯލްކުރުމަށް ނޫނީ ބޭހުގެ އަގު، އޭގެ ޕްރޮފިޓް މާޖިން ވަރަށް ބޮޑަށް މަތިކޮށް ބޭސް ވިއްކުން ހުއްޓުވުމަށްޓަކައި އާސަންދައިން މަސައްކަތްތަކެއް ކުރަމުން އެބަގެންދޭ،" ކަމަށެވެ.
މީގެ އިތުރުން، ބޭހުގެ އެންމެ ކުޑަ ރީޓެއިލް އަގު ނުވަތަ މިނިމަލް ރީޓެއިލް ޕްރައިސް ކަނޑައަޅައި، އަގުތައް ކޮންޓްރޯލް ކުރުމަށްޓަކައި ސިއްޙީ ދާއިރާއިން ތަފާތު ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރިއަށްދާކަން ވަޒީރު ޤީލާ ޢަލީ ވަނީ ފާހަގަކުރައްވާފައެވެ.