ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އާއިލާއަށް އަމާޒުކޮށް ބައެއް ނޫސްތަކުން ފަތުރަމުންދާ ވާހަކަތައް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.
ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ރައީސްއާއި ރައީސްގެ އާއިލާއަށް އަމާޒުކޮށް ބައެއް ނޫސްތަކުން ނަން ނޭނގޭގޮތަށް އަދި ލިޔާ މީހާވެސް ނޭނގޭ ގޮތަށް ދައްކަމުންދާ ވާހަކަތައް ކުށްވެރިކުރައްވާ ކަމަށެވެ. "އަޅުގަނޑު ޤަބޫލެއް ނުކުރަން އެމިންގަނޑަށް ރާއްޖޭގެ ނޫސްވެރިން ވެއްޓެން ޖެހޭނެކަމަކަށް" ވަޒީރު ވިދާޅުވިއެވެ.
ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށްވާއިރު، މިނިވަންކަމާއެކު އުޅޭއިރުވެސް އެކަކު އަނެކަކަށް އިޙްތިރާމް ކުރަން އެނގެންޖެހޭނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ދުނިޔޭގެ އެއްވެސް ޤައުމެއްގައި ފިލާތިބެ އަނެއް މީހާގެ އަބުރު ކަތިލުމަށް ޖާގަ ނުލިބޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީހުންގެ އަބުރު ކަތިލައި، އާއިލާތަކަށް މަގުމައްޗަށް ނުކުމެ އުޅެން ދަތިވާ މިންވަރަށް ކަންކަން ކުރުމަކީ މިނިވަންކަން ކަމަށް ބަލާނަމަ، މުޖްތަމަޢު އޮތް ހާލަތާ މެދު ވިސްނާލަން ޖެހޭ ކަމަށް ސަޢީދު ވިދާޅުވިއެވެ. ވަޒީރު އިތުރަށް ވިދާޅުވީ އިޖްތިމާޢީ، އިޤްތިޞާދީ އަދި އުމްރާނީ ކޮންމެ މައްސަލައެއް އޮތް ނަމަވެސް، އެކަމަކަށް އެޑްރެސް ކުރެވޭނެ ޖާގަ ރާއްޖޭގައި އެބައޮތް ކަމަށެވެ.
ނޫސްވެރިކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ތަރައްޤީގެ މުހިންމު ބައެއްކަން ފާހަގަކުރައްވަމުން، ވަޒީރު ވަނީ އެފަދަ ޕްލެޓްފޯމްތަކުގެ ބޭނުން ހިފާއިރު ޒިންމާދާރުވުމަށް ބާރުއަޅުއްވާފައެވެ.