މާލެ ސަރަޙައްދުގައި މިހާރު ބާކީ އޮތް ބިންތަކުން އެންމެ ގިނަވެގެން އެޅޭނީ 12،000 ފްލެޓްކަމަށާއި، ރަސްމާލެއަކީ މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރަން ކޮންމެހެން ހިންގަން މަޖުބޫރު މަޝްރޫޢެއްކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒިރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙުމަދު ނަސީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ގުޅިފަޅާއި ގިރާވަރުފަޅު އަދި ހުޅުމާލެ ފޭސް 3 ގައި މިހާރު އިތުރަށް ދޭނެ ބިމެއް ނެތް ކަމަށެވެ. އަދި ކުރިމަގުގައި އެ ސަރަޙައްދުތަކުން ދެވޭނީ ގިނަވެގެން 12،000 ފްލެޓް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، އެ މަޝްރޫޢަކީ މުސްތަޤުބަލަށް ރިއާޔަތްކޮށް ހިންގަން މަޖުބޫރު މަޝްރޫޢެއް ކަމަށެވެ. "ރައީސްގެ ތަޞައްވުރަކީ 20 އަހަރުގެ ޕްލޭނެއް. މިއީ ހިންގަން މަޖުބޫރު މަޝްރޫޢެއް،" ވަޒީރު ވިދާޅުވިއެވެ. ރަސްމާލެ މަޝްރޫޢު ކުރިއަށްދިޔަ ނަމަވެސް، ހުޅުމާލެ ފޭސް 3 އާއި ގުޅިފަޅު އަދި ގިރާވަރު ފަޅުގެ މަސައްކަތްތަކަށްވެސް ސަރުކާރުން އިސްކަންދެމުންދާކަން ވަޒީރު ހާމަކުރެއްވިއެވެ.
ސަރުކާރުގެ އަމާޒަކީ އެ ސަރަޙައްދުތަކުގައި ފެނާއި ނަރުދަމާ އަދި ކަރަންޓު ވިއުގަ ވީހާވެސް އަވަހަށް ޤާއިމުކޮށް، ރައްޔިތުންނަށް ދިރިއުޅެވޭނެ މަގު ފަހިކޮށްދިނުން ކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް، ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން މިފަދަ ބޮޑެތި މަޝްރޫޢުތަކަށް ފައިސާ ހޯދުމުގައި ގިނަ ދަތިތަކެއް ހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މި ދަތިތަކަށް ޙައްލެއް ހޯދުމުގެ ގޮތުން، މަސައްކަތްތައް އަވަސްކުރުމަށްޓަކައި ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް އެ މަސައްކަތްތައް ކުރިއަށްގެންދަން މިހާރު ނިންމާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. "އެކަމަށް މަޑުނުކޮށް، ސަރުކާރުން އެ މަސައްކަތްތައް އަވަސްކުރުމަށް މިހާރު މިވަނީ ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް އެ މަސައްކަތްތައް ކުރުމަށް ނިންމާފައި. އޭގެ ތައްޔާރީތައްވަމުން ދަނީ،" ޑރ. މުއްޠަލިބް ވިދާޅުވިއެވެ.