ޓެކްސީ އަގުތަކަށް ބަދަލު ގެންނާނީ އެކަމާގުޅޭ ގޮތުން ހުރިހާ ފަންތިއެއްގައި މަޝްވަރާ ކުރުމަށްފަހު ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު ސަޢީދު ވިދާޅުވީ މިކަމުގެ ކަންބޮޑުވުންތައް އެމަނިކުފާނާ ހަމައަށް އައިސްފައިވާ ކަމަށާއި، މިކަމުގައި ގޮތެއް ނިންމާނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، ރާއްޖޭގައި ވެސް ތެލުގެ އަގަށް ވަނީ ބަދަލުތަކެއް އައިސްފައެވެ. މިއާ ގުޅިގެން ޓެކްސީ ދަތުރުތަކުގެ އަގުތަކަށް ބަދަލު ގެނައުމަށް ޓެކްސީ ޑްރައިވަރުންގެ ފަރާތުން ވަނީ ސަރުކާރުގައި އެދިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ސިލްސިލާކޮށް ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން، އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާ ބެހޭ ވުޒާރާއިން މިހަފްތާގައި ބޭއްވި ބައްދަލުވުމުގައި ވަޒީރު މުޙައްމަދު ސަޢީދު ވަނީ މިކަމަށް އަލިއަޅުވާލައްވާފައެވެ. ވަޒީރު ވިދާޅުވީ ދަތުރުފަތުރުގެ ދާއިރާގެ މެންޑޭޓާ ހަވާލުވުމަށްފަހު، މި މައްސަލައިގައި ޑްރައިވަރުންގެ ފަރާތުން ގިނަ ސިޓީތަކެއް ލިބިފައިވާކަން އެނގިވަޑައިގެންފައިވާ ކަމަށެވެ.
މި މައްސަލައިގައި ވަކި ގޮތެއް ނިންމެވުމުގެ ކުރިން ކެބިނެޓް ފަންތީގައި ވެސް މަޝްވަރާ ކުރައްވަންޖެހޭ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިކަމުގައި ހިމެނޭ ހުރިހާ ފަރާތްތަކެއްގެ ބަސް ހޯއްދަވާނެ ކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފައެވެ.
"ޓެކްސީ އަގުތަކަށް ބަދަލު ގެނައުމަށް ޑްރައިވަރުން އެދޭ ކަމަށް، ސިޓީ އައިސްފައި ހުރި އަޅުގަނޑު ހަވާލުވިއިރުވެސް. އަޅުގަނޑު ވިދާޅުވެފައި އޮތީ ސިޓީތައް ބަލާފައި ކެބިނެޓް ލެވެލްގައި އެވާހަކަ ދައްކައި އިތުރަށް ވާހަކަ ދައްކަން ޖެހޭ ފަރާތްތަކާއި އެކު އެވާހަކަ ދައްކާނަން. އޭގެ ތެރޭގައި ޑްރައިވަރުންނާއި ސެންޓަރުތައްވެސް ހިމެނޭ،" ވަޒީރު ސަޢީދު ވިދާޅުވިއެވެ.
މި މަޝްވަރާތަކަށްފަހު، ރައްޔިތުންނަށާއި ޓެކްސީ ޚިދުމަތްދޭ ފަރާތްތަކަށް ވެސް އެންމެ ފައިދާހުރި ގޮތަކަށް މި މައްސަލައިގައި ސަރުކާރުން ގޮތްތަކެއް ނިންމަވާނެ ކަމަށް ބެލެވެއެވެ.