މީހެއްގެ ޢިއްޒަތާއި އަބުރަށް އުނިކަން އަންނަ ފަދަ ދޮގު މަޢުލޫމާތު ފެތުރުމަކީ ނޫސްވެރިކަމުގެ ނަމުގައި ކުރެވޭނެ ކަމެއް ނޫން ކަމަށް ދާޚީލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިމައްސަލައިގައި މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ދާޚިލީ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ދޮގު ތުހުމަތުތަކެއް ފެތުރި ނޫސް އިދާރާއެއްގެ މައި އޮފީސް ފާސްކުކޮށް ޖިނާއީ ކަމެއްގެ ގޮތުގައި ތަޙުޤީޤު ކުރުމަކީ ދިވެހި ފުލުހުންގެ ޚިދުމަތަށް ލިބިގެންވާ ފުރިހަމަ ޙައްޤެއް ކަމަށެވެ. އަދި އެއީ އެ މުއައްސަސާގެ ވާޖިބެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ޤާނޫނު އަސާސީން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދޭއިރު، މިއީ އެއްވެސް ހިފެހެއްޓުމެއް ނެތި ދީފައިވާ މިނިވަންކަމެއް ނޫންކަން ވަޒީރު އިޙްސާން ފާހަގަކުރެއްވިއެވެ. "ވަކި ހުދޫދެއް ނެތި، މީހެއްގެ ޢިއްޒަތާއި އަބުރަށް އުނިކަން އަންނަ ފަދަ ދޮގު މަޢުލޫމާތު ފެތުރުމަކީ ނޫސްވެރިކަމުގެ ނަމުގައި ކުރެވޭނެ ކަމެއް ނޫން،" ވަޒީރު އިޙްސާން ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މައްޗަށް ޤަޒުފުގެ ތުހުމަތުކޮށް ރާއްޖޭގެ އޮންލައިން ނޫހަކުން ހަދާފައިވާ ޑޮކިއުމެންޓަރީގައި ދައްކާފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގުވާހަކަތަކެއް ކަމަށް، އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި މިކަމުގައި ދައުވާކުރުމަށް ފިޔަވަޅު އަޅައި ދިނުމަށް ކަމާބެހޭ ފަރާތްތަކުގައި އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.
މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ އެ ޑޮކިއުމެންޓަރީ ތައްޔާރު ކުރި އޮންލައިން ނޫހުގެ އޮފީސް ބަލައި ފާސްކޮށްފައެވެ. މި ފިޔަވަޅަކީ ޤާނޫނީ އިމުގެ ތެރެއިން އެޅި ފިޔަވަޅެއް ކަމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.