ނޫސްވެރިކަމުގެ މިނިވަންކަމަކީ އިސްލާމްދީނާއި ޤާނޫނު އަސާސީގެ އިމުން ބޭރުން މީހުންގެ އަބުރާއި ޢިއްޒަތަށް އަރައިގަނެ، ފުރައްސާރަކޮށް ބުލީކުރުމުގެ ނިޒާމަކަށް ބަދަލުވެއްޖެ ނަމަ މުޖުތަމަޢު ހަލާކުވެގެން ހިނގައިދާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ޝަހީމް ވިދާޅުވީ، ޚިޔާލު ފާޅުކުރުމުގެ ފުރިހަމަ މިނިވަންކަން ޤާނޫނު އަސާސީގެ ދަށުން ރާއްޖޭގައި ކަށަވަރުކޮށްދީފައިވާ ކަމަށާއި، ރާއްޖެއަކީ ދުނިޔޭގައި ފުޅާ ދާއިރާއެއްގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް ޤައުމެއް ކަމަށެވެ. ނަމަވެސް މި މިނިވަންކަމުގެ ބޭނުން ހެޔޮ ގޮތުގައި ހިފަންޖެހޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނޫސްވެރިކަމަކީ އަނިޔާވެރިކަމާއި ކޮރަޕްޝަން ނައްތާލުމުގައި މުހިންމު ދައުރެއް އަދާކުރާ ކަމެއްކަން ފާހަގަކުރައްވަމުން ޝަހީމް ވިދާޅުވީ، "ނަޒާހަތްތެރި ނޫސްވެރިކަމަކީ މުޖުތަމަޢު ސަލާމަތުގެ އައްސޭރިއަށް ގެންގޮސްދޭނެ ވަރުގަދަ ނިޒާމެއް" ކަމަށެވެ. އަދި ނޫސްވެރިކަން ހެޔޮގޮތުގައި ދަމަހައްޓަން މަސައްކަތް ކުރަންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަކީ ނޫސްވެރިކަމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއްދޭ ސަރުކާރެއްކަން ފާހަގަކުރައްވަމުން، ރައީސް އަމިއްލަފުޅަށް ކޮންމެ ހަފްތާއަކު ނޫސްވެރިންނާ ބައްދަލުކުރައްވައި ސުވާލުތަކަށް ޖަވާބު ދެއްވުމާއި، ވަޒީރުންނަށްވެސް އެކަމަށް ބާރުއަޅުއްވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ޝަހީމް ވަނީ ހިތާމައާއެކު ފާހަގަކުރައްވާފައިވަނީ، މިއަދު ރައީސް މުޢިއްޒާއި އެމަނިކުފާނުގެ ޢާއިލާއަށާއި ވަޒީރުންނަށް ބައެއް ނޫސްތަކާއި ސޯޝަލް މީޑިއާގެ ވަގު އެކައުންޓްތަކުން ކުރިން ރާއްޖޭގައި ނުފެންނަ މިންވަރަށް ފުރައްސާރަކުރަމުންދާ ކަމަށެވެ. "ކަންކަމަށް ފާޑުކިއުމަކީ މައްސަލައެއް ނޫން، ނަމަވެސް ޒާތީގޮތުން ދިމާކުރުމަކީ ނޭދެވޭ ޢަމަލެއް،" މިނިސްޓަރު ވިދާޅުވިއެވެ.
އަބުރާ ބެހުމާއި ދޮގު ވާހަކަ ފެތުރުމަކީ އިސްލާމްދީނުގައި ނަހީކުރައްވާފައިވާ ކަންކަން ކަމަށާއި، އަބުރު ޙިމާޔަތްކުރުމަކީ އިސްލާމީ ޝަރީޢަތުގެ އެންމެ މަތިވެރި ފަސް މަޤުޞަދުގެ ތެރޭގައި ހިމެނޭ ކަމެއްކަންވެސް ޝަހީމް ހަނދާންކޮށްދެއްވިއެވެ. އެމަނިކުފާނު ވަނީ ނޫސްވެރިކަމަކީ ބިނާކުރަނިވި ފާޑުކިއުމުގެ މައްޗަށް ހިނގާ ނިޒާމަކަށް ހެދުމަށް އެންމެހައި ނޫސްވެރިންނަށް އިލްތިމާސްކުރައްވާފައެވެ.